ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސްއަށް އޮތް ކަމަށް ރާއްޖެއިން އެއްބަސްވެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ބާތިލްކޮށް ރައްޔިތުން މަޖިލީހުގައި ޚާއްސަކޮމެޓީއެއް ނަގާ އެކަމާގުޅޭ މަޝްވަރާތައް ކުރަން ޖެހޭކަމަށް ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
މެންބަރު އިލްޔާސް މިފަދައިން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، ޗާގޯސް ރަށްތަކުގެ ކަނޑުގެ ސަރަހައްދާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުށުއަރާކަމަށް ބުނާ މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުވެފައިވޭތޯ ރައްޔިތުންނަށް ސާފުކޮށްދިނުމަށް ގޮވާލާ ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސްކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
އިލްޔާސް ވިދާޅުވީ މިހާރު އަޑުއިވޭ ވާހަކަތަކުން އެނގޭ އެއްކަމަކީ މޮރިޝަސް އަތުގައި ނެތް އެއްޗެއް އެމީހުންނަށް ދީގެން އުޅޭކަމާއި ރާއްޖެއިން ބޮޑު ކްލެއިމެއް ކުރެވެން އޮތް ކަމެއްގައި ރާއްޖޭގެ ސަރަޚައްދުގެ ބޮޑު މާސިންގާ ތަނެއް މިގައުމުން ބީވަމުންދާކަމެވެ.
”ބަދަލު އައިސްފިކަން އެނގުނީ ރައިސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ސިޓީފުޅެއް ފޮނުވާފައި ރާއްޖޭގެ ޕޮސިޝަން ބަދަލުކުރެއްވި ހިސާބުން، އެސިޓީގައި އޮތީ ކޮން ވާހަކައެއްކަމެއް ކީކޭކަމެއް އެކަކަށްވެސް ނޭނގޭ، އެ ސިޓީއާއެކު ރާއްޖެއިން ބައެއް ގެއްލިއްޖެކަމަށް މިބެލެވެނީ، އެސީޓީ ރައްޔިތުންނަށް ސާފުވާން ޖެހޭ“ އިލްޔާސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިފަދަ މުހިއްމު މައްސަލައަކާ ގުޅޭ ސިޓީ ރައްޔިތުންގެ މަންދޫބުންނަށް ސާފުވާން ޖެހޭކަމަށާއި ސިޓީ ބާތިލްކޮށްފައި މަޖިލީސްގައި ރައްޔިތުންނާ އެކަމާ ގުޅިގެން މަޝްވަރާތައް ކުރަން ޖެހޭކަމަށެވެ.
އެގޮތުން ރައްޔިތުންނާ މަޝްވަރާ ކުރެވޭނެ ގޮތަކީ ރައްޔިތުންގެ މަންދޫބުން ކުރިމައްޗަށް އެ މައްސަލަ ގެނައުންކަމަށް އިލްޔާސް ފާހަގަކުރައްވާފައިވެއެވެ.އެކަން ފާހަގަކުރައްވާ މެންބަރު އިލްޔާސް ހުށަހެޅުއްވީ މި މައްސަލައާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ހުރިހާ ސިޔާސީ ޕާޓީތައް އެކުލެވޭ ގޮތަށް ސިލެކްޓް ކޮމެޓީއެއް ނަގައިގެން އެކަމުގެ ތަޖުރިބާކާރުންނާ އަދި މިކަމާ ގުޅޭ ހުރިހާ ބޭފުޅުން ކޮމެޓީއަށް ހާޒިރުކުރައްވައިގެން ފުރިހަމަ ދިރާސާއެއްކުރުމަށެވެ.
އޭނާ ވިދާޅުވިގޮތުގައި އެންމެ ރަނގަޅު ގޮތެއްކަމަށް ފެންނަނީ އެކަމާ ގުޅޭ އެކްސްޕާޓުންނާއި އަދި ކަމާގުޅޭ އެހެން ބޭފުންނާ އެކީ މަޝްވަރާކުރުމަށް ފަހު މިކަމާ ގުޅޭގޮތުން ގޮތްތަކެއް ނިންމައިގެން ކުރިއަށް ދެވޭނެ ގޮތެއް ހޯދުމެވެ