ކުރީގެ ކޮމިޝަނާ އޮފް ޕްރިޒަންސް މުނާޒަށް ސިފައިންގެއިން ލިބޭ އިނާޔަތް ނެގުން ހުއްޓާލައިފިނަމަ، ކަރެކްޝަންސް އިން ދޭންޖެހޭ އިނާޔަތް ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ޑިސެމްބަރު 2018 އިން ފެށިގެން ކޮމިޝަނާ އޮފް ޕްރިޒަންސް ކަމުގައި ހުރި މުނާޒް މަގާމުން ވަކިކުރީ ޖެނުއަރީ 21، 2020 ގަ އެވެ.
މުނާޒްގެ ފަރާތުން ކަރެކްޝަންގެ މައްޗަށް ދައުވާކުރީ، ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމު އަދާކުރި މީހެއްގެ ހައިސިއްޔަތުން ގަވާއިދުގައިވާ ގޮތަށް އޭނާއަށް ރިޓަޔާމަންޓް ޕޭގެ ގޮތުގައި ގަނޑުކޮށް އެއްފަހަރާ ލިބެންޖެހޭ 1،050،000 ރ. ދީފައި ނުވާތީ އެވެ.
އަދި ވަޒީފާއިން ވަކިކުރުމަށްފަހު މީލާދީ ކޮންމެ މަހަކު ލިބިދޭންޖެހޭ ފައިސާގެ އިނާޔަތްކަމަށްވާ މުސާރައިގެ %75 އަށްވާ ފައިސާ (ޖެނުއަރީ 21، 2020 ފެށިގެން ކޮންމެ މަހަކު 26،250ރ.) ކަރެކްޝަންގެ ފަރާތުން ހަމަޖައްސައިދީފައި ނުވާތީ އެ ފައިސާ ހޯދުމަށެވެ.
އެ ދައުވާއާ ގުޅިގެން ކަރެކްޝަންގެ ފަރާތުން ބުނެފައިވަނީ މުނާޒަށް ދައުލަތުގެ އެހެން މުއައްސަސާއަކުން ރިޓަޔާމަންޓް އިނާޔަތް ލިބެމުންދާ ކަމަށާއި، އެހެންކަމުން ގަވާއިދުގައި ބުނާގޮތަށް ކަރެކްޝަންސް އިން އިނާޔަތް ދީފިނަމަ ދެ މުއައްސަސާއަކުން އިނާޔަތް ލިބޭނެ ކަމަށެވެ.
އަދި އެއް އަހަރާއި 27 މަސް ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުގައި އަދާކުރި ފަރާތަކަށް 30 އަހަރުދުވަހު ހިދުމަތްކުރި ކަމަށް ބަލައިގެން އެ މިންވަރަށް ރިޓަޔަމަންޓް އިނާޔަތް ނަގައިދިނުމަކީ ނުހައްގު މުސްއަނދިކަމެއް ލިބޭނެ ކަމެއް ކަމަށް ބުނެ ކަރެކްޝަންސް އިން ދައުވާއަށް އިންކާރުކުރި އެވެ.
އެކަމަކު 2013 އިން 2018 އަށް ކޮމިޝަނާ އޮފް ޕްރިޒަންގެ މަގާމު އަދާކުރި ތިން ފަރާތަކަށް ދައުލަތުން ރިޓަޔަމަންޓް ހަމަޖައްސައިދީފައިވާ ކަމާއި ދައުވާކުރާ ފަރާތުން ބުނުމަށް ކަރެކްޝަންގެ ފަރާތުން އެއްވެސް ރައްދެއް ދީފައެއް ނުވާތީ، ރިޓަޔަމަންޓް ހިސާބު ކުރުމުގައި އަހަރަށް ބަލާފައި ނުވާކަމަށް ޝަރީއަތުން ފާހަގަކުރި އެވެ.
ކަރެކްޝަންސް އިން ފާހަގަކުރީ މުނާޒަށް ޑިފެންސް މިނިސްޓްރީން ލިބޭ އިނާޔަތެވެ. 1987 އިން ފެށިގެން 2011 އަށް ސިފައިންގޭގައި ހިދުމަތްކުރުމުގެ ސަބަބުން، ޑިފެންސް މިނިސްޓްރީން ރިޓަޔަމަންޓްގެ ގޮތުގައި އެއްފަހަރާ ގަނޑުކޮށް 323،952ރ؛ އާއި 2011 އިން ފެށިގެން ކޮންމެ މަހަކު ރިޓަޔަމަންޓްގެ ގޮތުގައި 8،098ރ. މުނާޒަށް ލިބެ އެވެ.
އެކަމަކު ޝަރީއަތުން ފާހަގަކުރި ގޮތުގައި، މުނާޒަކީ މިހާރުވެސް އިނާޔަތެއް ލިބެމުންދާ ފަރާތަކަށް ވާތީ އިނާޔަތް ހިސާބު ކުރުމުމުގައި ހިދުމަތް ތަކުރާރު ނުވާނެގޮތަށް އިނާޔަތް ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީގެ އިސްތިސްނާއެއް ނެތްކަމަށް ސިޓީއަކުން އަންގާފައިވެ އެވެ.
އެހެންކަމުން ޝަރީއަތުން ބުނީ، މުނާޒް ގާނޫނާ އެއްގޮތަށް ރިޓަޔާކޮށްފައި ވާތީ، ގަވާއިދުގައި ބަޔާންކޮށަފައިވާ ތާވަލުގައިވާގޮތަށް ހިސާބުކުރުމުން ލިބެންޖެހޭ ފައިސާއަކީ ކަރެކްޝަންގެ ފަރާތުން މުނާޒަށް ލިބެންޖެހޭ ފައިސާއެއްކަން ސާބިތުވާ ކަމަށެވެ.
ނަމަވެސް މުނާޒަށް ދައުލަތުގެ ދެ މުއައްސަސާއަކުން އެއްފަހަރާ ދެ ރިޓަޔަމަންޓް ދިނުމަކީ ބޭއިންސާފެއް ކަމަށާއި، ކަރެކްޝަންސް އިން މުނާޒަށް ދޭންޖެހެނީ ދެ ރިޓަޔާމަންޓްގެ ތެރެއިން އޭނައަށް އެންމެ ފައިދާބޮޑު ރިޓަޔަމަންޓް ކަމަށް ޝަރީއަތުން ބުންޏެވެ.
އެހެންވެ މުނާޒަށް ޑިފެންސުން ލިބޭ ރިޓަޔަމަންޓް ދޫކޮށްލުމަށްފަހު ފައިދާބޮޑު ރިޓަރަމަންޓް ނައިގައިދިނުމަށް މުނާޒް ހުށަހަޅައިފިނަމަ، އެގޮތަށް އެދޭތާ އެއްމަސް ތެރޭގައި ޑިފެންސުންދޭ ރިޓަޔަމަންޓް ހުއްޓާލައި، ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުން ރިޓަޔާކުރި ދުވަހުން ފެށިގެން، މުނާޒަށް ރިޓަޔާމަންޓް ޕޭގެ ގޮތުގައި ގަނޑުކޮށް ލިބެންޖެހޭ ފައިސާއާއި މަހުންމަހަށް ލިބެންޖެހޭ ފައިސާ ހަމަޖައްސައިދިނުމަށް ކަރެކްޝަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރި އެވެ
ކަލޯ މިކަން ހުއްޓުވަން ބަޔަކު ތެދުވަންވެއްޖެ. ދެއަހަރެއްހާ ދުވަހު މަސައްކަތް ކުރާއިރަށް ރިޓަޔަރމަންޓޯ. ބަލަ ހިލޭ ސާބަހަށް މަސައްކަތްކުރާ ބައެއްތަމީ. މިހެން ހުރި ކަންކަން އޮޑިޓް އޮފީހާއި ކަރަޕްޝަންފަދަ ތަންތަނުން ބަލާ އިސްލާހުކޮށްބަލަ. މަސައްކަތްކުރަން ވަޒީފާއަށްދާ މީހާއަށް އެއްޗްނުދެޗިގެން މިއުޅެނީ މިހެންވެ.