ކުދިކުދި ރަށްތަކަށް ބަގީ އެމްބިއުލޭންސް ގެންނަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މިނސްޓަރު ނަސީމް މިހެން ވިދާޅުވީ، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
ޝިފާއު ވިދާޅުވީ ސިއްޙީ މަރުކަޒުތައް ވަރަށް ހާލުގައި އޮއްވާ މި ސަރުކާރުން ގިނަ އަދަދެއްގެ އެމްބިއުލޭންސްތަކެއް ފޯރުކޮށްދީފައިވާ ކަމަށާއި އެހެން ނަމަވެސް އަދިވެސް ވަރަށް ގިނަ ރަށްރަށަށް އެމްބިއުލެންސްތައް ބޭނުންވާ ކަމަށެވެ. އެހެންކަމުން ދެން އެންމެ އަވަހަށް އެމްބިއުލެންސްތައް ފޯރުކޮށްދޭން ޕްރޮގްރާމެއް ހިންގޭވަރުވާނީ ކިހާތާކުތޯ އޭނާ ސުވާލު ކުރެއްވި އެވެ. އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުނީ ކުދި ރަށްތަކަށް ކުދި އެމްބިއުލެންސްތައް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެކަން ކުރުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ޗައިނާއާ ވާހަކަ ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
”ޗައިނާއާ ވާހަކަ ދައްކައިގެން ކުދި އެމްބިއުލެންސް އެއީ ބަގީ އެވައްތަރުގެ އެމްބިއުލެންސް އެބަ ހަދާ އެތަނުގައި. ކުދި ރަށްރަށަށް ބޮޑެތި އެމްބިއުލެންސް ފޮނުވީމާ އެ ރަށްރަށުގައި އެ އެއްޗެތި ބޭނުމެއް ނުކުރެވޭ. މަގުތަކުގައި ނުވެސް ހިނގާ. އެހެންވީމާ އެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިގެންދަނީ.“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބަގީ އެމްބިއުލެންސްތަކާ ގުޅޭ އަޕްޑޭޓެއް އަދި ނުލިބޭ ކަމަށާއި އަދި ފޮރިން މިނިސްޓްރީ މެދުވެރިކޮށް އޭގެ އެންމެ ފަހުގެ މައުލޫމާތު ބައްލަވާނެ ކަމަށެވެ.
އެސްޓީއޯ މެދުވެރިކޮށް ހެލްތު މިނިސްޓްރީން ވަނީ 96 އެމްބިއުލޭންސް މީގެ ހަ މަސް ކުރިން ގެނެސް ރާއްޖޭގެ އެކި ރަށްރަށަށް ފޮނުވާފަ އެވެ.