ތެލެސީމިއާ ކުދިން ލޭ އަޅަން ކުރަން ޖެހޭ ދެކޮޅު ދަތުރު ސަރުކާރުން ހަމަޖައްސައިދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެފަދައިން ވިދާޅުވީ, އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން މެމްބަރު ހަސަން ވަނީ ރާއްޖޭގައި ލޭއަޅާ ގިނަ ބަޔަކު ތިބިއިރު ގިނަ މައިންބަފައިން ތިބީ ވަރަށް ބޮޑެތި ތަކުލީފުގައި ކަމަށާއި އެހެންކަމުން އެ ކުދިންނަށް އެހީވުމަށް މި އަހަރުގެ ބަޖެޓުގައި ނުވަތަ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމުގެ ވިސްނުމެއް ގެންގުޅޭތޯ ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ، ތެލެސީމިއާ ކުދިންނަށް އެހީވުމަށް އެންސްޕާއާ ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި އެ ކުދިން ލޭ އަޅަން ކުރަން ޖެހޭ ދެކޮޅު ދަތުރުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އެހެން ނަމަވެސް އެއީ އުނދަގޫ ކަމެއް ކަމަށާއި ކޮންމެ ކަމެއް ވެސް އޮންނަނީ އެހެން ނިޒާމްތަކާ ގުޅިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އެހެންވީމާ އަޅުގަނޑުމެންގެ ޓްރާންސްޕޯޓް ސިސްޓަމް ގާއިމުވެފައި ތިބި ތަންތަނުގަ ދަތިތަކެއް ނާންނާނެ. އަޅުގަނޑަށް ހީވަނީ އަންނަ އަހަރުގެ މެދުތެރޭގައި މެދުރާއްޖެ ތެރެއަށް ވެސް މި ހިދުމަތްތައް ލިބޭނެހެން. އެހެންވީމާ ވަރަށް ބޮޑުތަން ފަސޭހަވެގެން ދާނެ. މިކަހަލަ އިންތިޒާމްތައް ހަމަޖެހިގެން ނޫނީ އަޅުގަނޑުމެން ބޭނުންވާ ފެންވަރަކަށް ހިދުމަތް ދެވޭކަށް ނޯންނާނެ“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމް ފުރިހަމަވެގެން ދިއުމުން ސިއްޚީ ކަންކަން ވަރަށް ބޮޑަށް ލުއިފަސޭހަވެގެންދާނެ ކަމަށެވެ.