ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ފުރުމާއި ގުޅިގެން އެކަން ފާހަގަކުރުމަށް ޚާއްސަ ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.
”ޓޫރިޒަމް ޖުބިލީ ވޯކް“ ގެ ނަމުގައި މި މަހުގެ 19 ގައި ބާއްވާ މި ހިނގާލުން އިންތިޒާމުކުރަނީ ގައުމީ ޔުނިވަސިޓީންނެވެ. އެތަނުން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ބުނީ ހިނގާލުން އޮންނާނީ އެ ދުވަހު ހަވީރު 4:00 އިން 6:00 އަށް މާލޭގައި ކަމަށެވެ.
ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް (އެފްއެޗްޓީއެސް) ގެ ޑީން ޒީނަތު ސޯލިހު ވިދާޅުވީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކާއި އެހެނިހެން ސްޓޭކްހޯލްޑަރުން ވެސް ހިނގާލުމުގައި ބައިވެރިވާނެ ކަމަށެވެ.
”މީގައި މާލެ ސަރަހައްދުގެ އެކާވީސް ސްކޫލަކުން ބައިވެރިވާނެ. ސްކޫލްތަކުގައި އުޅޭ މި ދާއިރާ އަށް ޝައުގުވެރިވާ ކުދިންގެ ޝުއުރޫތައް ފާޅުކޮށްލަން ހިނގާލުމުގައި ބައިވެރިވާނެ ކަމަށް އުންމީދު ކުރަން. ވަރަށް ގިނަ ސްކޫލް ދަރިވަރުން މިހާރު ވެސް އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުން.“ އޭނާ ވިދާޅުވި އެވެ.
ޒީނަތު ވިދާޅުވި ގޮތުގައި މި ހިނގާލުމުގެ މައިގަނޑު އެއް މަޤްޞަދަކީ ޓޫރިޒަމް ދާއިރާ އަށް ޝައުގުވެރިވާ ދަރިވަރުންގެ ހިޔާލު ހޯދައި، ދާއިރާގައި ހުރި ފުރުސަތުތަކާއި ކުރިއަށް ދާނެ ރޮނގުތައް ވެސް ހިއްސާކުރުން ކަމަށެވެ. އެހެންވެ ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވަސިޓީތަކުގެ އިތުރުން ޓޫރިޒަމް ދާއިރާގައި ހިމެނޭ ގިނަ އެސޯސިއޭޝަންތަކަށް ވެސް ހިނގާލުމުގައި ބައިވެރިވުމަށް ދައުވަތު ދޭނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމަށް މި އަހަރު 50 އަހަރު ފުރުމާ ގުޅިގެން އަލަށް ވަނީ އޮކްޓޯބަރު 3 ގައި ގައުމީ ފަތުރުވެރިންގެ ދުވަސް ވެސް ފާހަގަކުރަން ފަށައިފައެވެ. ސަރުކާރުން އެ ދުވަސް ހަމަޖައްސާފައި ވަނީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައެވެ.