ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނާނެ ކަމަށް ސަރުކާރުން ނިންމާ، އެ މައްސަލައިގައި ރާއްޖޭގެ ސިޔާސަތު އެއްކޮށް ބަދަލުކުރީ ގާނޫނީ އިމުގެ ތެރެއިންތޯ ކަށަވަރު ކުރަން މޯލްޑިވްސް ނެޝަނަލް ޕާޓީއިން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.
އެ މައްސަލައިގައި ގަރާރެއް މިއަދު ހުށަހެޅުއްވީ އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.
”އިނގިރޭސިވިލާތާ އެއްކޮޅަށް ބައިނައްލަޤްވާމީ އިދާރާތަކުގައި ރާއްޖޭން ވޯޓުދިން ސަބަބަކީ މޮރިޝަސްގެ ހުށަހެޅުން ކާމިޔާބުވެއްޖެ ނަމަ ރާއްޖޭގެ ސަރަހައްދުން ބައެއް އުނިވުމުގެ ފުރުސަތު އޮތުން ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައި ވާތީއާއި، ޗާގޯސް މައްސަލާގައި ރާއްޖޭގެ ސިޔާސަތު ބަދަލުވިކަން ދިވެހިންނަށާއި ރާއްޖޭގެ ގާނޫނުހަދާ މަޖިލީހަށް ނާންގާ“ ގަރާރުގައި ބުނެފައިވެއެވެ.
ނާޒިމްގެ ގަރާރުގައި އިތުރަށް ބުނެފައިވަނީ ޗާގޯސް މައްސަލާގައި ސަރުކާރުގެ ސިޔާސަތު ބަދަލުވިގޮތް ފުރިހަމައަށް ބަލައި، އެކަމުގައި ފައިސާއާއި ނުފޫޒު އޮތްތޯ، މަޖިލީހުން ޚާއްސަ ކޮމިޓީއެއް ނަގައިގެން ބަލަން ޖެހޭނެ ކަމަށެވެ.
މި މައްސަލައަށް މިއަދު މަޖިލީހުގައި ބަހުސް ކުރެއްވި ގިނަ މެންބަރުން ވެސް ވަނީ އެ މައްސަލައިގައި ސަރުކާރުގެ ސިޔާސަތު ބަދަލުވާން ޖެހޭ ސަބަބެއް އޮންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި، އެފަދަ ނިންމުމެއް މަޖިލީހުގެ ރުހުން ހޯދުމެއް ނެތި ނުނިންމޭނެ ކަމަށް މެންބަރުން ވިދާޅުވިއެވެ.
ޗާގޯސް މައްސަލައާއި ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުންނާއި ސަރުކާރަށް ނިސްބަތްވާ އެހެން މެންބަރުން ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.
މިކަމާ ގުޅިގެން ކަންބޮޑުވާ ގިނަ ފަރާތްތަކުން ބުނަމުން އަންނަނީ ޗާގޯސް، މޮރިޝަސް އާއި ހަވާލުކުރުމުން އެމީހުންގެ ކަނޑުގެ އިން ކުރަހާ އިރު، ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެންދާނެ ކަމަށެވެ. އަދި، ރާއްޖޭން އެފަދައިން ތާއީދު ކުރުމަކީ މޮރިޝަސް ކޮޅަށް އިމުގެ މައްސަލަ ނިންމުމަށް އޮތް ފުރުސަތެއް ކަމަށް ފާހަގަ ކުރެއްވިއެވެ.
މިގޮތުން، މޮރިޝަސް އަށް ޗާގޯސް ލިބުމުން އެކަމުގެ ފައިދާ ކުރާނީ އިންޑިއާއަށް ކަމަށާއި ކުއްލިއަކަށް ރާއްޖޭގެ ސްޓޭންޑް ބަދަލުވެގެން އުޅެނީ އެ ސަބަބަށްޓަކައި ކަމަށް ކުރީގެ ބަންޑާރަނައިބު އަދި ކުރިން ރާއްޖޭގެ އިން ކުރެހުމުގައި އިސްކޮށް އުޅުއްވި ޑރ. މުނައްވަރު ވެސް ވަނީ ތުހުމަތުކުރައްވާފައެވެ.