ޗާގޯސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ބަލަން ޖެހޭ ކަންކަން ބެލުމަށްޓަކައި ޑީއާރްޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު އޭނާގެ ޔޮޓުގައި ޗާގޯސްއަށް ޒިޔާރަތެއް ކުރަން ނިންމަވައިފިއެވެ.
ޗާގޮސް މައްސަލައިގައި ސަރުކާރުން ކަންކުރި ގޮތް ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ކޮމިޓީއަކުން ބެލުމަށް ގޮވާލައި އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅާފައެވެ. އެއަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ، ޗާގޯސް އަކީ ހަގީގަތުގައި ދިވެހިންގެ ތަނެއް ކަމަށެވެ.
”ނިކަން ކެރިގެން، އަޅުގަނޑު އަތުގައި އެބައޮތް ޔޮޓެއް. އަޅުގަނޑު މިދަނީ އައްޑުއަށް، ދެން ޔޮޓުގައި ދާނީ ޗާގޯސް އަށް. ނާޒިމަށް ވެސް އަޅުގަނޑު އިންވައިޓް ކުރަން، ދަނގެތީ ދާއިރާގެ މެންބަރު. މި މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ކޮޅެއްވެސް ގޮވައިގެން އަޅުގަނޑުމެން ވެސް ދާނީ. އެހިސާބަށް ގޮސް އަޅުގަނޑުމެން ބަލާނީ“ ޖާބިރު ވިދާޅުވިއެވެ.
ޗާގޯސް އަކީ ރާއްޖެއާއި 1،071 ކިލޯމީޓަރު ދުރުގައި، އައްޑޫގެ ދެކުނަށް އޮންނަ ޖަޒީރާއެކެވެ. އެތަނުގެ އިމުގެ މައްސަލައިގާ މިހާރު ވަނީ ހިޔާލުތަފާތުވުންތައް ބޮޑުވެފައެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މިހާރު ކުރިއަށްދާ އަޑުއެހުންތަކުގައި ރާއްޖޭން އިމުގެ މައްސަލާގައި ސިޔާސަތު ބަދަލުކޮށް، އިމުގެ ބައެއް މޮރިޝަސްއަށް ދޫކޮށްލަން ނިންމީ ކަމަށް ތުހުމަތުވާން ފެށުމާއެކު، ސަރުކާރު ތެރެއިންނާއި ބޭރުން ބައެއް ސިޔާސީ ފަރާތްތަކުން ގެންދަނީ އެކަމަށް ފާޑު ވިދާޅުވަމުންނެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ނިންމާފައި ވަނީ ޗާގޯސް އިސްތިއުމާރު ކޮށްފައިވާ ކުރުން ނިމުމަކަށް ގެންނާށެވެ. އަދި، އެތަން ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ހަވާލުކުރުމަށެވެ.
މިގޮތުން، އެ ނިންމުން ހަ މަސް ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ޗާގޯސް މޮރިޝްސްއާ ހަވާލުކުރަން، މެއި 22، 2019 އދ. އިން ފާސްކުރި ގަރާރަށް 116 ގައުމުން ތާއީދުކުރިއެވެ. އެކަމަކު، އޭރު ރާއްޖޭން އައީ އެ ގަރާރާއި ދެކޮޅު ހަދަމުންނެވެ.
މިކަމާ ގުޅިގެން ކަންބޮޑުވާ ގިނަ ފަރާތްތަކުން ބުނަމުން އަންނަނީ ޗާގޯސް، މޮރިޝަސް އާއި ހަވާލުކުރުމުން އެމީހުންގެ ކަނޑުގެ އިން ކުރަހާ އިރު ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެންދާނެ ކަމަށެވެ. އަދި، ރާއްޖޭން އެފަދައިން ތާއީދު ކުރުމަކީ މޮރިޝަސް ކޮޅަށް އިމުގެ މައްސަލަ ނިންމުމަށް އޮތް ފުރުސަތެއް ކަމަށް ފާހަގަ ކުރެއްވިއެވެ.
މިގޮތުން، މޮރިޝަސް އަށް ޗާގޯސް ލިބުމުން އެކަމުގެ ފައިދާ ކުރާނީ އިންޑިއާއަށް ކަމަށާއި ކުއްލިއަކަށް ރާއްޖޭގެ ސްޓޭންޑް ބަދަލުވެގެން އުޅެނީ އެ ސަބަބަށްޓަކައި ކަމަށް ކުރީގެ ބަންޑާރަނައިބު އަދި ކުރިން ރާއްޖޭގެ އިން ކުރެހުމުގައި އިސްކޮށް އުޅުއްވި ޑރ. މުނައްވަރު ވެސް ވަނީ ތުހުމަތުކުރައްވާފައެވެ