ފަތުރުވެރިކަމުގެ ވިޔަފާރިން ނަގާ ޓެކްސްތަކުގެ ތެރެއިން ގެސްޓްހައުސްތަކުންނަގާ ޓެކްސްގެ ރޭޓު ކުޑަކޮށް ނެގުމަކީ މުހިއްމު ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ޓީޖީއެސްޓީ އިތުރުކުރުން ހިމެނޭ ގޮތުން، ޓެކްސްތަކަށް އަންނަ ބަދަލުން އެންމެ ބޮޑު އަސަރެއް ކުރާނީ ވެސް ކުދި ވިޔަފާރިތަކަށް ކަމަށް ވިދާޅުވިއެވެ.
”އެހެން ނަމަވެސް މި ޑިމޮކްރަސީގައި އަނެއްކާ ހަމަ ތަފާތުކުރާ ވާހަކަ ދައްކާ އިރަށް ވެސް ތަފާތުނުކުރަން ވެސް ބުނާނެ. އެކަމަކު ވަކިން ޕްރޮމޯޓްކުރުމުގެ ގޮތުން (ކުރާ) ޕޮޒިޓިވް ޑިސްކްރިމިނޭޝަނަކީ ދުނިޔޭގައި މީހުން ކުރާ ކަމެއް. ހާއްސަކޮށް ތަނެއްގައި ޓޫރިޒަމް ތަރައްގީނުވާ ހާލަތެއްގައި އެކަންތައް ކުރުން ވަރަށް މުހިއްމު.“ މައުސޫމް ވިދާޅުވި އެވެ.
މިނިސްޓަރާއި އަލީ ނިޔާޒު ކުރެއްވި ސުވާލުގައި އެއްސެވާފައިވަނީ ގެސްޓްހައުސްތައް ގިންތިކޮށް، ޓެކްސް ނެގުމުގައި ތަފާތުކުރުމުގެ ވިސްނުމެއް މުސްތަގުބަލުގައި ގެންގުޅެފާނެ ތޯ އެވެ. އެފަދަ ތަފާތުތައް މިހާރު ވެސް ގެންގުޅޭކަމަށް ވިދާޅުވެ، އޭގެ މިސާލަކަށް ދެއްކެވީ ގްރީންޓެކްސް ވާހަކައެވެ.
”އެހެން ނަމަވެސް އަޅުގަނޑުމެންނަށް އިއްޔެ މި ފާސްވި (ކޮމިޓީ މަރުހަލާއިން ފާސްވި) ޓީޖީއެސްޓީ(ބޮޑުކުރާ) ބިލުގައި އެހެން ނަމަވެސް އެ ތަފާތެއް ނުފެނޭ.“ އަލީ ނިޔާޒު ވިދާޅުވި އެވެ.
މައުސޫމު ވިދާޅުވީ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމީ ޓޫރިޒަމްގެ އެންމެ ފައިދާ ބޮޑު ބާވަތްކަން މުޅި ދުނިޔޭގައި ވެސް އޮތީ ތަޖުރިބާ ކުރެވިފައި ކަމަށާއި އެހެންވީމާ އެ މޮޑެލް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އެހެންވީމާ އެ ޓެކްސް ނެގުމުގައި އެފަދަ ބަދަލެއް (ލޯކަލް ޓޫރިޒަމް ދާއިރާއަށް ލުއި ގޮތްތަކެއް އޮންނަ ބަދަލެއް) ގެންނާނެތޯ ކުރާ ސުވާލަކީ ވަރަށް މުހިއްމު ސުވާލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
”ފަހިކޮށްދޭން ޖެހޭ. އިއްޒަތްތެރި މަޖިލީހުގައި މިއަދު ތިއްބެވި ވަރަށް ގިނަ މެމްބަރުންނަކީ ފައިނޭންސް މާހައުލަށް ވަރަށް ފަރިތަ، އެކަމުގެ ތަޖުރިބާކާރުން. ކުދި ވިޔަފާރިތަކަށް ފަހިވާ ގޮތަށް ކުރާ ކަންތައްކުން އެއްވެސް ގެއްލުމެއް ނުވާނެ. ހައްތަހާވެސް ލިބޭނީ ފައިދާ.“ މައުސޫމު ވިދާޅުވި އެވެ.
ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ޓެކްސް ގާނޫނަށް ބަދަލު ގެނައުމަށް ޓަކައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމެޓީއިން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އެ ބިލު ފާސްވުމުން ޓެކްސް އަށް އަންނަ ބަދަލު ގެސްޓްހައުސްތަކަށް ނާންނަ ގޮތަކަށް އިސްތިސްނާއެއް ހިމެނުމަށް، މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް އިއްޔެ ހުށަހެޅުއްވި އެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފު ތާއީދު ކުރެއްވި އެ އިސްލާހު އެކަމަކު ފާހެއް ނުވި އެވެ.