އަންނަ އަހަރަށް ލަފާކޮށް އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި މި އަހަރުގެ ބަޖެޓު ފޫބައްދަން ފައިސާ ހިމަނާފައިވާ މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައިފިއެވެ.
އަންނަ އަހަރަށް ލަފާކުރާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހަޅާފައިވާއިރު, މި އަހަރުގެ ބަޖެޓު ފޫބެއްދުމަށް ސަޕްލިމެންޓްރީ ބަޖެޓެއްގެ ގޮތުގައި ސަރުކާރުން ހުށަހެޅީ 36.9 ބިލިއަން ރުފިޔާއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ނަޝީދު ވިދާޅުވީ މި އަހަރަށް މަޖިލީހުން ފާސްކުރީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި, 2023 އަށް ލަފާކުރި ބަޖެޓުގައި މި އަހަރަށް އިތުރަށް ހިމެނި ފައިސާއާއެކު އެ ޢަދަދު 42.8 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުން ހުއްދަ ލިބިގެން މެނުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މިންވަރަށްވުރެ ޚަރަދު އިތުރުކޮށްގެން ނުވާނެކަމަށް ވަރަށް ސާފުކޮށް ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި އެބައޮތެވެ.
އަދި ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ނުވަތަ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެދި ހުށަހަޅާނަމަ އެ ޤާނޫނުގައި ބުނެވިދިޔަ މާއްދާގައި ދައުލަތުގެ ބަޖެޓު ތައްޔާރުކުރުމަށް ބަޔާންކޮށްފައިވާ ގޮތަށް ސަޕްލިމެންޓްރީ ބަޖެޓު ތައްޔާރުކޮށް އެ ފައިސާއެއް ނުވަތަ އެ ބަޖެޓެއް ބޭނުންވާ ދުވަހުގެ އެއްމަސް ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ވާނެކަމަށް ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ 32 ވަނަ މާއްދާގެ (ބ) ގައި އެބައޮތް ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މި މަހާއި އަންނަ ޑިސެމްބަރުގައި 5.8 ބިލިއަން ރުފިޔާ އިތުރަށް ޚަރަދުކުރައްްވާނެކަމަށް އަންދާޒާއެއް ނުކުރެވެއެވެ. އެހެންކަމުން މިހާތަނަށް އައިއިރު މަޖިލީހަށް ހުށަހަޅައި ފާސްކުރުމެއްނެތި އެ އިތުރުވާ މިންވަރުގެ ތެރެއިން ކިހާ މިންވަރެއް ޚަރަދުކުރައްވާފައިވާކަން ވެސް ސާފުވާކަށް ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.