ރައްޔިތުން މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއިދުކުރާ މެންބަރުންނަކީ އެމްޑީޕީގެ ތެރޭގައި އޮތް އިދިކޮޅު ޕީޕީއެމްގެ ފެކްޝަނެއް ކަމަށް ދޭހަވާގޮތަށް އެމްޑީޕީގެ އަންހެނުން ރޫހުގެ ރައީސް ރޮޒައިނާ އާދަމް ވާހަކަފުޅުދައްވައިފި އެވެ.
ރޮޒައިނާ އެ މޭރުމުން ވާހަކަދެއްކެވީ އަންނަ އަހަރުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅުމުން، އެމްޑީޕީގެ ބައެއް މެންބަރުން އެކަމާ ދެކޮޅު ހައްދަވައި ވާހަކަދައްކަވާތީ އެވެ.
އެކަމާ ގުޅުވައި ރޮޒައިނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގައި ޕީޕީއެމް ފެކްޝަނެއް އެބައޮތްކަމާއި، އެ ފެކްޝަނުން މަޖިލިސްތެރޭ ޕީޕީއެމް އާއި އެކު މަސައްކަތް ކުރާކަމީ މިހާރު ފޮރުވެން އޮތް ކަމެއްނޫން ކަމަށެވެ.
އަދި ޕީޕީއެމް މެމްބަރުންލައްވާ ސަރުކާރާ ދެކޮޅަށް އިސްލާހުތަށް ހުށައަޅުއްވަނީ ކޮންބޭފުޅެއްކަން އިއްޔެގެ މަޖިލިސް ބަލާލި މީހަކަށްވެސް ސާފުވާނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. ސަރުކާރުން މަސައްކަތް ކުރަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް، އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރާށެވެ.
ޓެކްސް ބޮޑުކުރާ ބިލަށް އިއްޔެ ވޯޓަށް އެހުމުގެ ކުރިން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ހުށަހެޅުއްވީ މިހާރު ހުރި ރޭޓްތަކުގައި ޓެކްސްތައް ނެގުމަށެވެ. ނަމަވެސް 56 މެންބަރުންގެ ވޯޓުން އެ އިސްލާހު ބޭރުކޮށްލީ އެވެ.
އެއަށްފަހު މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެ ބިލަށް ހުށަހެޅި އިސްލާހުތައް ވެސް މަޖިލީހުން ބޭރުކޮށްލުމަށްފަހު ބިލު ފާސްކުރީ ސަރުކާރުން ބޭނުންވި ގޮތަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީން އިއްޔެ އެގޮތަށް ފާސްކުރި އިރު، ޓެކްސް ބޮޑުކުރަން ނުފެންނަ ކަމަށް ވޯޓުދިން 19 މެންބަރުންގެ ތެރޭގައި އެމްޑީޕީގެ 11 މެމްބަރަކާއި ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެބްރަކު ހިމެނެ އެވެ.
ޓެކްސް ބޮޑުކުރަން މަޖިލީހަށް ހުށަހެޅި އިރުވެސް އެމްޑީޕީގައި ދެ ފެކްޝަނެއް އޮތީ އުފެދިފަ އެވެ. ހިޔާލުތަފާތުވުންތަކުތެ ތެރެއިން ރައީސަށް ތާއިދުކުރާ މެންބަރުން ޓެކްސް ބޮޑުކުރަން ތާއީދުކުރާއިރު، ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުން އެކަމާ ދެކޮޅެވެ.
އެގޮތުން ރައްޔިތުންގެ އަތުން ނަގާ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ތާއީދުކުރަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ މެންބަރުން ކަމަށް އާޒިމް ވެސް ވަނީ މިދިޔަ ހަފްތާގައި ވިދާޅުވެފަ އެވެ.