ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އަންނަ ހަފުތާގައި އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި އެ ސިޓީގެ އެހެން ފިކުރުތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭނުންފުޅުވާކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ޕީޕީއެމްއިން މިހެން ބުނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ދަތުރުފުޅާބެހޭ ގޮތުން މަޢުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޕާޓީގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ
އަންނަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ރައީސް ޔާމީން އައްޑުއަށް ކުރައްވާ ދަތުރުފުޅުގައި
އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްކަމަކީ ވަކި ފިކުރަކަށް, ވަކި ޕާޓީއަކަށް ނުބަލައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކަމަށެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކާއި ރައްޔިތުން ބޭނުންވާ ކަންކަން ރައީސް ޔާމީނާ ހިއްސާކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
ހީނާ ހާމަކުރެއްވި ގޮތުގައި މި ނޮވެމްބަރު މަހުގެ ތެރޭގައި ރައީސް ޔާމީން ގދ.އަތޮޅަށާއި ފުވައްމުލަކު ސިޓީއަށް ވެސް ވަޑައިގަންނަވާނެއެވެ.