އައްޑޫ ސިޓީގެ ހިތަދޫގެ ކެނެރީ މަގުގައި ތާރުއަޅަން ފެށުމުގެ ކުރިން ހިންދޫ އަޅުކަމެއް ކުރަމުންދިޔަ މަންޒަރު ފެނިގެންދާ ވީޑިއޯތަކެއް އާންމުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަނީ ތާރުއެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހިންދޫއިން އަޅުކަން ފުރިހަމަ ކުރަމުންދާ މަންޒަރެވެ.
އެގޮތުން ކޮންމެ ކަމެއް ފެށުމުގެ ކުރިން ކާއްޓެއް ފަޅާ، އެމީހުންގެ ކަލާންގެ ކިބައިން ވާގިވެރިކަން ހޯދުމަށް ދުއާކުރުމަކީ ހިންދޫއިން ކޮށްއުޅޭ ކަމެކެވެ. އަދި އެފަދައިން ފަޅާ ކާއްޓަކީ ތާޒާ، ފެން މީރު ކާއްޓެއްކަމަށް ވާނަމަ އެމީހުންގެ މަސައްކަތް ކާމިޔާބު ކަމާއެކު ކުރިއަށް ދާނެކަމަށް އެމީހުން ގަބޫލުކުރެއެވެ.
ހިތަދޫގެ ކެނެރީ މަގުގެ މަސައްކަތް ފެށުމުގެ ކުރިން އެފަދައިން އެ އަޅުކަން ކުރަމުންދާ މަންޒަރު އާންމުވެފައިވާ ވީޑިއޯއިން ފެނިގެންދެއެވެ.
އައްޑޫ ސިޓީގައި ފެން ހިންދުމުގެ ނިޒާމު ޤާއިމުކުރުމާއި، މަގު ހެދުމުގެ މަޝްރޫޢުއަކީ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ގިނަ އަދަދެއްގެ އިންޑިއާގެ ލޭބަރުންވެސް އައްޑޫ ސިޓީއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.