ބ.ގޮއިދޫ ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު ނިޝާރު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ދަޢުވާއެއްގައި ދަޢުވާ ލިބުނު ފަރާތާއެކު އޮތް ވިޔަފާރި މަސްލަހަތެއްގެ ސަބަބުން އެ ޤަޟިއްޔާ ބެލުމުން މެޖިސްޓްރޭޓް ނިޝާރު ތަނާޒުލުވެ, އެ ޤަޟިއްޔާ ބެލުމަށް އެހެން މެޖިސްޓްރޭޓަކު އައްޔަން ކުރެވިފައިވަނިކޮށް މެޖިސްޓްރޭޓް ނިޝާރު އަމިއްލައަށް އެ ޤަޟިއްޔާ ބެލުމާ އަލުން ހަވާލުވެފައިވަނީ ކަނޑައެޅިފައިވާ އިޖުރާޢަތާ ކަނޑައެޅިގެން ޚިލާފަށް ކަމަށެވެ. އަދި ފަހުން އެ ޤަޟިއްޔާ ބެލުމާ މެޖިސްޓްރޭޓް ނިޝާރު އަމިއްލައަށް ހަވާލުވެ ޝަރީއަތް ހިންގާފައިވަނީ ކުރިން ތަނާޒުލުވި ސަބަބު ހަމަ އެ ގޮތުގައި ދެމި އޮއްވާ ކަމަަށެވެ. އެއީ ތަނާޒުލުވުމާ ގުޅޭ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއްކަން ޖޭއެސްސީން ބުންޏެވެ.
“ފަހުން އެ ޤަޟިއްޔާއާ ހަވާލުވެ ޝަރީޢަތް ހިންގަމުންދިޔަ ގޮތުންނާއި މި މައްސަލާގައި ހިނގާފައި އެހެން ވެސް ކަންކަމަށް ބަލާއިރު، މަސްލަހަތު ފުށުއަރާ ސަބަބެއް އޮވެގެން އެ ޤަޟިއްޔާ ބެލުމުން ތަނާޒުލުވުމަށްފަހު އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރު އަމިއްލައަށް އަލުން އެ ޤަޟިއްޔާ ބެލުމާ ހަވާލުވެ އެ ޤަޟިއްޔާ ހިންގާފައިވަނީ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރާއި އެ ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތާ ދެމެދު އޮތް ވިޔަފާރީގެ މަސްލަހަތަކާ ގުޅިގެން އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރުގެ މަޤާމުގެ ހައިސިއްޔަތާއި ޒިންމާ ނަހަމަގޮތުގައި ބޭނުންކޮށް ނާޖާއީޒް މަންފާއެއް ހޯދުމުގެ ގަސްތުގައިކަން ސާބިތުވާ ކަމަށެވެ.“
ޖޭއެސްސީން ބުނީ މެޖިސްޓްރޭޓް ނިޝާރުގެ އެ ޢަމަލުތަކަކީ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ ޚިލާފު ޢަމަލުތަކެއް ކަމަށެވެ. އެހެންވެ އޭނާ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ.