ކުވައިތުގެ ގައުމީ އެއާލައިން ކުވައިތު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި އެވެ.
ކުވައިތު އެއާވޭސްއިން ރާއްޖެއަށް ދަތުރުތައް އަލުން ފެށުމުގެ ގޮތުން، ކުވައިތު އެއާލައިންގެ ބޯޓެއް އިއްޔެ ވަނީ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓަށް ޖައްސާފައެވެ. އަދި އެ އެއާލައިނަށް މަރުޚަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމާއި އެމްއޭސީއެލްގެ އިސްވެރިންނެވެ.
ކުވައިތު އެއާލައިނުން ރާއްޖޭގެ ދަތުރުތައް މެދުކަނޑާލާފައިވަނީ ކޮވިޑް 19 އާއި ގުޅިގެންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މި އެއާލައިންގެ ދަތުރުތައް އަލުން ފަށައި ކުރިއަށް އޮތް ތަނުގައި ހަފްތާއަކު ދެ ދަތުރު މި އެއާލައިނުން ރާއްޖެއަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކުވައިތު އެއާލައިންގެ އިތުރުން މެދުއިރުމަތީގެ އެހެން ބައެއް އެއާލައިންތަކުން ވެސް މިހާރު ރާއްޖެއަށް ދަތުރުކުރެ އެވެ. މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާއިރު ކުވައިތު އެއާލައިންގެ ދަތުރުތަކާ އެކު އެ ސަރަހައްދުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާ ކުރެ އެވެ.
މެދުއިރުމަތިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ކުވައިތު ހިމެނެ އެވެ. އެގޮތުން މިދިޔަ މަހުގެ ނިޔަލަށް ކުވައިތުން ރާއްޖެ އަށް 6،309 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައީ ކުވައިތުގެ 3،164 ޓޫރިސްޓުންނެވެ.