ސްރީލަންކާގެ ހިއްކަނޑުވާގެ ތިރަނަގަމާގައި ސައިކަލެއްގައި ދުއްވާފައި ދިޔަ ދެމީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފިއެވެ.
އެގައުމުގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ބަޑިން ހަމަލާދީފައިވަނީ ހިއްކަނޑުވާގެ ތިރަނަގަމާގައި ހުންނަ ޓުއަރިސްޓް ހޮޓަލެއްގެ ކުރިމަތީގައިކަމަށެވެ. މަރާލާފައިވާ ދެމީހުން ދެނެގަނެވިފައިވާކަމަށާއި، އެ ދެމީހުންނަނީ 2020 ވަނަ އަހަރު މަރާލާފައިވާ މީޓީގޯޑާގެ ރައްޔިތެއްކަމަށްވާ ކުޑޫ ރޯޝަންގެ މަރުގެ ތަހުގީގުގެ ހެކިބަސް ދިނުމަށް ކޯޓައް ހާޒިރުވުމަށް ސައިކަލެއްގައި ދަތުރުކުރަމުން ދިޔަ ދެމީހުންކަމަށް ފުލުހުންނާއި ހަވާލާދީ ސްރީލަންކާގެ ނޫސްތަކުގައި ބުނެފައިވެއެވެ. ކުޑޫ ރޯޝަންއަކީ ސްލެއިން އަންޑާވޯލްޑް ޑޯން އެއްކަމަށްވާ މަކަންދުރޭ މަދުޝްއާއިގެ ގާތް މީހެއްކަމަށް ފުލުހުން ބުނެފައިވެއެވެ. ކުޑޫ ރޯޝަންއާއި މެދުވެސް ވަނީ ރަނާލާގެ ސަމަޔަން ނަމަކަށް ކިޔާ އަންޑަވޯލްޑް ލީޑަރަކު މަރާލިކަމުގެ ތުހުމަތުވެސް ކޮށްފައެވެ.
ސައިކަލެއްގައި ދެ މީހަކު އައިސް، ސައިކަލުގައި ދިޔަ ދެމީހުންގެ ގަޔަށް ބަޑި ޖެހުމަށްފަހު އެތަނުން ފިލާފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. ބަނޑީގެ ހަމަލާ ހިނގި ސަރަޚައްދުން 17 ވަޒަން ފެނިފައިވެއެވެ. އަދި މިއީ ސީދާ އެ ދެމީހުން މަރާލުމަށް ބަޑި ޖަހާފައިވާކަމުގެ ހެއްކެއްކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މަރާލާފައިވަނީ 47 އަހަރުގެ ކަޕުވާ ހަންދި ޕްރަސައްނާ މެންދިސް އަދި 26 އަހަރުގެ ހެންދާ ހެވާގޭ އިސުރު ޕްރަސައްނާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. މި ދެ މީހުންނަކީވެސް ކަލުއްޕޭ ހިއްކަނޑުވާއަށް ނިސްބަތްވާ ދެމީހުންނެވެ. އެ ދެމީހުން ބަޑި ޖަހއި މަރާލާފައިވަނީ ގާލޭ މެޖިސްޓްރޭޓް ކޯޓަށް ދިޔަ މަގުމަތީގައެވެ. ދެމީހުންނަށް ފަރުވާ ދިނުމަށް ކަރަޕިޓިޔާ ޓިޗިންގް ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، އެމީހުންގެ ފުރާނަ ސަލާމަތްކުރެވޭ ގޮތް ނުވިކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ބަޑި ޖެހުމަށްފަހު ފިލައިގެން ދިޔަ ދެމީހުންނާއި ބެހޭ އިތުރު މަޢުލޫމަތެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައި ނުވާކަންވެސް ފާހަގަކޮށްލެވެއެވެ.