ގއ.މާމެންދޫގައި ހިންގި މާރާމާރީއެއްގައި ލިބުނު އަނިޔާތަކަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި އަޙްމަދު އުދައްޔުގެ މަރުގެ މައްސަލައިގައި 18 އަހަރުން ދަށުގެ ކުއްޖާގެ މައްޗަށް އުފުލި ދަޢުވާތައް ސާބިތުވުމުން އެ ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅައިފިއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ 08 ވަނަ ދުވަހުގެރޭ މާމެންދޫގައި ހިންގި މާރާމާރީއެއްގައި ލިބުނު އަނިޔާތަކަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި ޢުމުރުން 17 އަހަރުގެ އުދައްޔުގެ މަރުގެ މައްސަލައިގައި ދަޢުވާ އުފުލައިފައިވާ 18 އަހަރުން ދަށުގެ ކުއްޖާގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާއެވެ.
އެ ދަޢުވާ ސާބިތުވާކަމަށް ޖުވެނައިލް ކޯޓުން ނިންމީ މިދިޔަ ސެޕްޓެމްބަރު 14 ގައެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިރޭ ބުނީ އެ ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅާފައިވާ ކަމަށެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި ގުޅިގެން ކަނޑައެޅީ 18 އަހަރާއި 09 މަހަށް ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި ބަންދުކުރުމަށާއި، މަރުގެ ދިޔައިގެ ގޮތުގައި މިއަދުން ފެށިގެން 01 އަހަރު ދުވަހުގެތެރޭ 01 މިލިއަން ދިވެހި ރުފިޔާ ނިޔާވި ކުއްޖާގެ ވާރިސުންނަށް ދިނުމަށާއި، ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހު ރޯދަހިފުމަށެވެ.
އަދި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން 06 އަހަރާއި 08 މަސްދުވަހަށް ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި ބަންދުކުރުމަށެވެ.
އެހެންކަމުން އެކު ޖުމްލަ 25 އަހަރާއި 5 މަސްދުވަހަށް ބަންދުކުރުމަށެވެ.
މި މައްސަލައާ ގުޅިގެން އަޙްމަދު ޝަމީމާއި، ޝަރަފު ރަޝީދާއި، މުޙައްމަދު މާޒިންގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ. އެ ދަޢުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، އެ ތިން މީހުންގެ ބައި އޮތީ ހެކިބަސް ނެގުމުގެ މަރުހަލާގައެވެ.