ޑްރަގް ކޯޓުގެ ގާޒީ މުޙައްމަދު ސަމީރަށް ފިޔަވަޅު އަޅަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ސަމީރަކީ މީގެ ކުރިން ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ހުންނެވި ބޭފުޅެކެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, ކްރިމިނަލް ކޯޓުގައި އޮތް ޝަރީޢަތުގެ އަޑުއެހުމެއްގައި އެ ޤަޟިއްޔާގައި ދައުވާލިބޭ ފަރާތުގެ ޤާނޫނީ ވަކީލުންގެ ފަރާތުން އެ ކޮމިޝަނަށް ސަމީރުއާ ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާއާ ގުޅޭގޮތުން ވާހަކަދައްކާފައިވާ ކަމަށާއި، ދިފާޢީ ވަކީލުން ކުށްވެރިކޮށް އެ ވަކީލުންނާމެދު ޒާތީ ތައައްސުބެއް އޮތްކަން ހާމަވާފަދަ ގޮތަކަށް ސަމީރު ޢަމަލުކޮށް ވާހަކަދައްކާފައިވާކަން ތަޙްޤީޤަށް ސާބިތުވާ ކަމަށެވެ.
މިއީ ފަނޑިޔާރުންގެ ޤާނޫނާއި, ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ސަމީރު ކޮށްފައިވާ ޢަމަލުތަކެއްކަމަށް ޖޭއެސްސީން ބުންޏެވެ.
އެހެންކަމުން އޭނާއަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް މި މަހުގެ 19 ވަނަ ދުވަހު ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.