އަންނަ ޖަނަވަރީން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކުރުމާ ގުޅިގެން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ސަރުކާރުން ހުށަހެޅީ އަންނަ ޖަނަވަރީން ފެށިގެން ޖީއެސްޓީ %6 އިން %8 އަށް އަދި ޓީޖީއެސްޓީ %8 އިން %16 އަށް ބޮޑު ކުރުމަށެވެ.
އެ ބިލަށް ބައެއް މެންބަރުން ހުށަހެޅި އިސްލާހުތައް ބޭރުކޮށްލުމަށްފަހު ރައީސް ޞާލިޙް ފެކްޝަނުން ވަނީ ބިލު ފާސްކޮށްފައެވެ. ނަޝީދު ފަޅީގެ ފަސް މެންބަރަކު ހިމެނޭހެން އެ ބިލު ފާސްކުރީ ޖުމްލަ 50 މެންބަރުން ވޯޓާއެކުއެވެ.
ބިލު އެ ގޮތަށް ފާސްކުރަން ނުފެންނަކަމަށް 19 މެންބަރުން ވޯޓުދެއްވިއިރު އޭގެތެރޭގައި ވައްޑެ ވެސް ހިމެނެއެވެ.
ވައްޑެ މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ އެމްއެމްޕީއާރުސީ ޚިޔާނާތާއި، ވެންޓިލޭޓަރު މައްސަލައިގައި ދައުލަތަށް ގެއްލުނު ފައިސާ ނުހޯދުނު ކަމަށެވެ. ބިލިއަނުން ލިބެންޖެހޭ ރިސޯޓު ކުލީގެ ފައިސާ ވެސް ނުހޯދުނު ކަމަށާއި، އެސްއޯއީތަކުގެ ބިޔަ ބޮޑެތި އިސްރާފު ވެސް ނުހުއްޓުވުނު ކަމަށާއި، އަޗާތަޅަން ކުރާ ބޮޑެތި ބޭކާރު ޚަރަދު ކުޑަ ނުކުރެވުނު ކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ. އެ ކަންކަން ފޫބައްދަންވީ އެންމެ ނިކަމެތިންގެ ޖީބަށް އަތްބާނައިގެންތޯ ވެސް ވައްޑެ ވަނީ ސުވާލުކުރައްވައިފައެވެ.