ރައީސުލްޖުމްހޫރިއްޔާގެ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފެކްޝަނަށް ނިސްބަތްވާ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ޤާނޫނުއަސާސީއާއި ޚިލާފަށް ކަންތައްތައް ކުރައްވާކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީއަންނަ ޖަނަވަރީން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކުރުމާ ގުޅިގެންނެވެ.
އަންނަ ޖަނަވަރީން ފެށިގެން ޖީއެސްޓީ %6 އިން %8 އަށް އަދި ޓީޖީއެސްޓީ %8 އިން %16 އަށް ބޮޑު ކުރުމަށް ސަރުކާރުން ހުށަހެޅި ބިލު ފާސްވީ 50 މެންބަރުން ވޯޓާއެކުއެވެ. ނުފެންނަކަމަށް 19 މެންބަރުން ވޯޓުދެއްވިއިރު ގިނައީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ.
އެ ގޮތަށް ފާސްކުރީ ބައެއް މެންބަރުން ބިލަށް ހުށަހެޅުއްވި އިސްލާހުތައް ބޭރުކޮށްލުމަށްފަހުއެވެ.
އެ ގޮތުން މިހާރު ހުރި ރޭޓުތަކުގައި ޓެކްސްތައް ނެގުމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހެޅުއްވި ހުށަހެޅުއްވުން ބޭރުކޮށްލީ 56 މެންބަރުންގެ ވޯޓާއެކުއެވެ.
ޓީޖީއެސްޓީގެ ގޮތުގައި %16 ގެ ބަދަލުގައި %14 ނެގުމަށް އާޒިމް ހުށަހެޅުއްވި ނަމަވެސް 46 މެންބަރުން އެއާ ދެކޮޅަށް ވޯޓު ދެއްވުމާއެކު އެ ހުށަހެޅުން ވެސް ބޭރުކޮށްލީއެވެ. އަދި ގެސްޓު ހައުސްްތަކުން ނަގާ ޓީޖީއެސްޓީގެ ޢަދަދު އިތުރު ނުކުރުމަށް އާޒިމް ހުށަހެޅުއްވި ހުށަހެޅުއްވުން 44 މެންބަރުންގެ ވޯޓާއެކު ވަނީ ބޭރުކޮށްލައިފައެވެ. ހަމައެހެންމެ ޓެކްސް ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚަކީ 2023 ވަނަ އަހަރުގެ އޭޕްރީލް މަސްކަމުގައި ހެދުމަށް އާޒިމް ހުށަހެޅުއްވި އިސްލާހު ވެސް 45 މެންބަރުންގެ ވޯޓާއެކު ވަނީ ބޭރުކޮށްލައިފައެވެ.