އަންނަ ޖަނަވަރީން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ރައްޔިތުން މަޖިލީހުގެ މުޅި ކޮމިޓީން މިއަދު ފާސްކުރިއިރު، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ފެކްޝަނުގެ ފަސް މެންބަރަކު އެއާާ އެއްކޮޅަށް ވޯޓު ދެއްވައިފިއެވެ.
އަންނަ ޖަނަވަރީން ފެށިގެން ޖީއެސްޓީ %6 އިން %8 އަށް އަދި ޓީޖީއެސްޓީ %8 އިން %16 އަށް ބޮޑު ކުރުމަށް ނަޝީދު ފެކްޝަނުން ވޯޓު ދެއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމާއި, ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާންއާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމާއި، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދާއި، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.
މީގެ އިތުރުން މާފަންނު މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު (ބޮންޑޭ) ވަކި ކޮޅަކަށް ވޯޓުދެއްވައިފައެއް ނުވެއެވެ.
ބިލު ފާސްކުރަން ތާއީދުކުރައްވައި 50 މެންބަރުން ވޯޓު ދެއްވިއިރު, ނުފެންނަކަމަށް 19 މެންބަރުން ވޯޓުދެއްވިއެވެ. އޭގެތެރޭގައި އެމްޑީޕީގެ 12 މެންބަރުން ހިމެނޭއިރު އެއީ ނަޝީދަށް ވަފާތެރި މެންބަރުންތަކެއްކަން ފާހަގަކޮށްލެވެއެވެ.