އަންނަ ޖަނަވަރީން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ރައްޔިތުން މަޖިލީހުގެ މުޅި ކޮމިޓީން މިއަދު ފާސްކުރި ނަމަވެސް, އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެންބަރުން އެ ބިލާ ދެކޮޅަށް ވޯޓު ދެއްވައިފިއެވެ.
އަންނަ ޖަނަވަރީން ފެށިގެން ޖީއެސްޓީ %6 އިން %8 އަށް އަދި ޓީޖީއެސްޓީ %8 އިން %16 އަށް ބޮޑު ކުރުމަށް ސަރުކާރުން ހުށަހެޅި ބިލު ފާސްވީ 50 މެންބަރުން ވޯޓާއެކުއެވެ. ނުފެންނަކަމަށް 19 މެންބަރުން ވޯޓުދެއްވިއިރު ގިނައީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ.
އޭގެތެރޭގައި ހިމެނޭ އެމްޑީޕީ މެންބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ، މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ހެންވޭރު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު މުޢިއްޒު، ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފް، އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، މަޑަވެލީ ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދެވެ.
ދެން ހިމެނެނީ ޕީޕީއެމްއާއި, ޕީއެންސީއާއި, އެމްއެންޕީއާއި, ޖޭޕީގެ ބައެއް މެންބަރުންނެވެ.
އަންނަ ޖަނަވަރީން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން މަޖިލީހުން ފާސްކުރީ ބައެއް މެންބަރުން ބިލަށް ހުށަހެޅުއްވި އިސްލާހުތައް ބޭރުކޮށްލުމަށްފަހުއެވެ.