ކޮންމެ ފަހަރަކު ވެސް ރައްޔިތުންގެ މަޖިލީހަށް ބަޖެޓެއް ހުށަހަޅައިގެން ފާސްކުރަނީ ހަމަ ނަމެއްގައިކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން ހުށަހެޅީ 37 ބިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް މި އަހަރު ނިމޭއިރު, އެ ޢަދަދު 42.8 ބިލިއަނަށް އަރާނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ.
އެ ގޮތުން އެ ތަން ފޫބެއްދުމަށް އިތުރު 5.8 ބިލިއަން ފާސްކުރަން މިއަދު ވަނީ ހުށަހަޅާފައެވެ.
އެކަމާ ގުޅިގެން އުޝާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙުގެ ސަރުކާރުން ކޮންމެ އަހަރަކު ވެސް ކަންތައް ކުރަނީ މި ފަދައިން ކަމަށެވެ.
އެއީ ޤާނޫނުއަސާސީގެ 96 ވަނަ މާއްދާއާ ޚިލާފަށް ކުރާ ކަމެއް ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވަނީ ސަރުކާރުން ބޭނުންހާ ގޮތަކަށް ޤާނޫނާ ޚިލާފަށް ޚަރަދުތައް ކުރަމުންދާކަމަށް ވެސް ވިދާޅުވެފައެވެ.