އަންނަ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް 90 މިލިއަން ރުފިޔާ ބަޖެޓްކޮށްފި އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ރިޔާސީ އިންތިޚާބަށް 90 މިލިއަން ރުފިޔާ ހިމަނާފައި މިވަނީ މިއިންތިޚާބަށް 120 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީގައި އެދިފައި ވަނިކޮށެވެ.
އިލެކްޝަންސް ކޮމިޝަނުން ބަޖެޓު ކުރީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް 95 މިލިއަން ރުފިޔާ އެވެ. އަދި އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ އެ އަދަދު 120 މިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ލޯކަލް ކައުންސިލްތަކެއްގެ އިންތިޚާބު ބޭއްވުމަށް ފަސް ލައްކަ ރުފިޔާ އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކެއްގެ އިންތިޚާބު ބޭއްވުމަށް 1.5 މިލިއަން ރުފިޔާ ވެސް ހިމަނާފައިވެ އެވެ. ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރުވަމުންދާއިރު އަދި މިހާތަނަށް ޕާޓީ އަކުން ރިޔާސީ ޓިކެޓް ކަށަވަރުކޮށްދީފައިވަނީ ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ ރައީސް ޔާމީނަށެވެ.
އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އެމްއެންޕީން ވެސް ގެންދަނީ ރިޔާސީ އިންތިޚާބުގައި އެ ޕާޓީތަކުން ވާދަކުރާނެ ކަމަށް ބުނަމުންނެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އިލްމުވެރިޔެއް ކަމަށްވާ ޑރ. ޝިހާމްވެސް ގެންދަވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްއާއި ވާދަކުރައްވާނީ ހަމައެކަނި ރައީސް މުހައްމަދު ނަޝީދު ކަމަށް ބެލެވެ އެވެ. އެމްއެންޕީގެ ޓިކެޓް ލިބިވަޑައިގަންނަވާނީ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމަށް ކަމަށް ބެލެވޭއިރު ޖޭޕީގެ ޓިކެޓް ދޭނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކަމަށް ބެލެވެ އެވެ.