ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތައް ހިންގަން 713 މިލިއަން ރުފިޔާ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށަހަޅުއްވައި ދެއްވައިފަ އެވެ.
އެ ބަޖެޓުގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރު ގެދޮރު އިމާރާތްކުރުމަށާއި އަދި ޖަމާއަތުގެ ފައިދާއަށް 2.8 ބިލިއަން ރުފިޔާ ހޭދަކުރަން ވަނީ ނިންމައިފަ އެވެ.
އޭގެ ތެރެއިން އެކި ރަށްރަށުގައި ހައުސިން ޔުނިޓްތައް އަޅަން 395 މިލިއަން ރުފިޔާ އަދި ނެޝަނަލް ސޯޝަލް ހައުސިން ޕްރޮޖެކްޓްތަކަށް 286 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.
އޭގެ އިތުރުން އަތް ފޯރާފަށުގައި ހައުސިން ޕްރޮޖެކްޓްތައް ހިންގަން ނުވަތަ އެފޯޑަބަލް ހައުސިން ޕްރޮޖެކްޓް ހިންގަން 32 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.
މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް 5000 ހައުސިން ޔުނިޓްގެ މަސައްކަތް ދަނީ ކުރަމުން ނެވެ. ނަމަވެސް އޭގެން ގިނަ ފްލެޓްއް މި ދައުރު ނިމުމުގެ ކުރިން ނިމޭނެކަމަށް ނުބެލެވޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.
ފަސްހާސް ހައުސިންގެ ތެރެއިން 1042 ހައުސިން ޔުނިޓް އަޅަނީ އެޕޯލޯ ހޯލްޑިންގްސްއާ ހަވާލުކޮށްގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް ހައުސިން ޔުނިޓްގެ 120 ޔުނިޓާއި އެފޯޑަބަލް ހައުސިންގެ 240 ޔުނިޓާއި މިޑް ރޭންޖް ހައުސިންގެ 682 ޔުނިޓެވެ.
އޭގެ އިތުރުން 2000 ހައުސިން ޔުނިޓް އަޅަނީ ޖޭއެމްސީ ޕްރޮޖެކްޓް އިންޑިއާ ލިމިޓެޑާ ހަވާލުކޮށްގެންނެވެ. އޭގެ ތެރޭގައި ކައުންސިލް ހައުސިންގެ 600 ޔުނިޓާއި އެފޯޑަބަލް ހައުސިންގެ 1400 ޔުނިޓް ހިމެނެއެވެ. އަދި އެންބީސީސީ އިންޑިއާ ލިމިޓެޑާ ހަވާލުކޮށްގެން ވެސް 2000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށް އެބަ ގެންދެއެވެ.