ދުންފަތުގެ ބާވަތްތަކާއި، ދުންފަތުގެ ވިޔަފާރީއާއި ދުންފަތުގެ އިސްތިޢުމާލް ކުރުން އިޝްތިހާރުކޮށް ޕްރޮމޯޓް ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމައްކަމަށާއި މިކަން ނުކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ)އިން އަންގައިފިއެވެ.
މިކަމާއި ގުޅިގެން އޭޖެންސީއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ދުންފަތުގެ އިސްތިޢުމާލް ކުރުން ޕްރޮމޯޓްކޮށް އިޝްތިހާރު ކުރުމަކީ ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ޤާނޫނުގެ 15/2010 ގެ ދަށުން މަނާކޮށްފައިވާ ކަމެއްކަމަށެވެ.
ނަމަވެސް ދުންފަތުގެ ބާވަތްތައް ތަފާތު ގޮތްގޮތަށް، ވަކިން ޚާއްސަކޮށް މީސްމީޑީޔާގެ ވަސީލަތްތައް މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި އިޝްތިހާރު ކުރާމުންދާކަން އެ އޭޖެންސީއަށް ފާހަގަކުރެވޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ބައެއް އިޝްތިހާރު ދުންފަތުގެ ބާވަތްތަކުގައި، ދުންފަތް ނުހިމެނޭކަމަށާއި އަދި ދުންފަތުގެ އެއް ބާވަތެއް އަނެއް ބާވަތަށްވުރެ ރައްކާތެރިކަމާއި، އޭގެން ލިބޭ ޞިއްޙީ ގެއްލުން ކުޑަކަން ނުވަތަ ގެއްލުމެއް ނުވާކަމަށް ބުނެ ހަޤީގަތާއި ޚިލާފު މަޢުލޫމާތުތައް ހިމަނައިގެން ޕްރޮމޯޓްކުރާކަމަށް އެޗް.ޕީ.އޭއިން ފާހަގަކޮށްފައިވެއެވެ.
ދުންފަތުގެ އިސްތިޢުމާލް ކުރާ ފަރާތްތަކާއި، ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި ކުރާ ފަރާތްތަކާއި، ޤާނޫން ތަންފީޒު ކުރުމުގެ ޒިންމާއާއި ހަވާލުކުރެވިފައިވާ ފަރާތްތަކާއި އަދި ޖުމްލަކޮށް އެންމެހާ ރައްޔިތުން ޤާނޫނަށް އަޙުލުވެރިކޮށް ޤާނޫނާއި އެއްގޮތަށް އަމަލުކުރުމަށް އެޗް.ޕީ.އޭއިން ވަނީ ބާރު އަޅާފައެވެ.
އެގޮތުން، އާންމު ރައްޔިތުންނާއި އެ އޭޖެންސީއިން ހިއްސާކޮށްފައިވާ ބައެއް ޤާނޫނީ ކަންތައްތަކުގެ ތެރޭގައި، ދުންފަތާއި ދުންފަތުން އުފައްދާ އެއްވެސް މާއްދާއެއްގެ އެއްވެސް މިންވަރެއް ހިމެނޭ އެއްޗަކީ ދުންފަތުގެ ބާވަތެއްކަމަށް ހާމަކޮށްފައިވެއެވެ. ޝީޝާ ދުންފަތް، ހީޓެޑް ޓޮބޭކޯ، ވޭޕް އަދި އީ ސިންގިރެޓްގެ ހުރިހާ ބާވަތްތައްވެސް ހިމެނެނީ ދުންފަތުގެ ބާވަތްތަކުގެ ތެރޭގައިކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އަދި ދުންފަތުގެ އެއްވެސް ބާވަތެއް، ދުންފަތުގެ ވިޔަފާރި އަދި ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ޢަމަލު، އެއްވެސް މިންވަރަކަށް އެއްވެސް ތަނެއްގައި އެއްވެސް ގޮތަކަށް އިޝްތިހާރުކޮށް ޕްރޮމޯޓް ކުރުމަކީ ޤާނޫނީ ކުށެއްކަމަށް ބުނެފައިވެއެވެ.