ބަޖެޓް ހުށައަޅާ ނިމުމުން މަޖިލީހުގެ ރިޔާސަތުގައި އިންނަވާ، ރައީސް މުހައްމަދު ނަޝީދު ވަނީ ބަޖެޓްގެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ އަންދާޒާއެއް ހިއްސާ ކުރައްވާފައެވެ. ނަޝީދު ވިދާޅުވީ މާލިއްޔަތު ކޮމެޓީ އާއި އިގްތިޞާދީ ކޮމެޓީ ހިމެނޭހެން ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް އަންގަވާ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު ހުށައެޅި ބަޖެޓްގެ ބަހުސް ނޮވެންބަރު އަށެއްގައި ފެށުމަށް ވަނީ ތާވަލްކޮށްފައެވެ.
މާލިއްޔަތު ގާނޫނުގައިވާ ގޮތުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވަނީ މަޖިލީހަށް ހުށައަޅުއްވާފައެވެ. އަންނަ އަހަރަށް ހުށައެޅީ 42.6 ބިލިއަންގެ ބަޖެޓެކެވެ.
ބަޖެޓް ހުށައަޅާ ނިމުމުން މަޖިލީހުގެ ރިޔާސަތުގައި އިންނަވާ، ރައީސް މުހައްމަދު ނަޝީދު ވަނީ ބަޖެޓްގެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ އަންދާޒާއެއް ހިއްސާ ކުރައްވާފައެވެ. ނަޝީދު ވިދާޅުވީ މާލިއްޔަތު ކޮމެޓީ އާއި އިގްތިޞާދީ ކޮމެޓީ ހިމެނޭހެން ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް އަންގަވާ ކަމަށެވެ. ނޮވެންބަރު އަށްވަނަ ދުވަހު ބަޖެޓް ބަހުސް ފައްޓަވާނެ ކަމަށާއި ހަތްވަނަ ދުވަހުގެ ނިޔަލަށް މެންބަރުންނަށް ބަޖެޓް ބެއްލެވުމުގެ ފުރުސަތު ދެއްވާނެކަމަށް ވިދާޅުވިއެވެ.
ފުރަތަމަ މަރުހަލާގައި ބަޖެޓް ބަހުސް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ނޮވެންބަރު 8 ، 9 އަދި 10 ގައެވެ. ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތަށް ބަޖެޓް ކޮމެޓީއަށް ފުރުސަތު ދީފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި 17 ވަނަ ދުވަހު ބަޖެޓް ދިރާސާކުރުމަށް ފަހު ތައްޔާރު ކުރާ ރިޕޯޓް މަޖިލީހުގެ ރަައީސަށް ހުށައެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބަޖެޓަށް އިސްލާހު ހުށައެޅުމުގެ ފުރުސަތު ނޮވެންބަރު 18، 19 އަދި 20 ވަނަ ދުވަހު ދިނުމަށް ފަހު 21، 22 އަދި 23 ވަނަ ދުވަހު ބަޖެޓް ބަހުސް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.
ނަޝީދު ވަނީ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާއިރު ބަޖެޓް ގާނޫނާއި މާލިއްޔަތުގެ ގާނޫނާއި ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ އިތުރުން ރައްޔިތުން އެދޭ ކަންކަމަށް ބެއްލެވުމަށް އެދިވަޑައިގެންފައެވެ. އަދި ދައުލަތުގެ މާލީ ހާލަތާއި ގައުމުގެ އިގްތިޞާދީ ހާލަތަށް ބެއްލެވުމަށް ފަހު ގެންނަވަން ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ބަދަލުތަކާއެކު ބަޖެޓް ފާސްކޮށް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.