ނ. ހޮޅުދޫ މަގުތައް ތަރައްގީކުރުމުގެ ގޮތުން އެ މަގުތަކުގައި ތާރުއަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީއާ) ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ)އެވެ.
ހޮޅުދޫގެ މަގުތަކުގައި ތާރުއެޅުމުގެ އެއްބަސްވުމުގެ ދަށުން ޖުމުލަ 3.4 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު، މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމުކޮށް، މަގުތަކުގައި މަގު ބައްތި ވެސް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
އެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢަކީ 71 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.