ސަރުކާރުން 2023 އަށް ކަނޑައަޅުއްވާފައިވާ ބަޖެޓް މިއަދު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވާފައިވަނީ 42.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މަޖިލީހަށް ވަޑައިގެން ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އަންނަ އަހަރަކީ މި ސަރުކާރުގެ މި ދައުރުގެ އެންމެ ފަހު އަހަރު ކަމަށް ވާތީ، ރައީސްގެ ވައުދުފުޅު ފުއްދުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވާ ބަޖެޓެއް ކަމަށެވެ.
”ފަތުރުވެރިކަން މުޅި ރާއްޖެ އަށް ފުޅާކުރުމަށް، ރާއްޖޭގެ ކަންކޮޅުތަކުގައި އެއާޕޯޓްތައް ތަރައްގީކޮށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އިތުރުން، ހަނިމާދޫ އަދި އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ މެދުރާއްޖޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގެ ފަތުރުވެރިކަމަށް ފަހިކަން ގެނުވާނެ އާބޮޅުތަކެއް،“ މިނިސްޓަރު ވިދާޅުވި އެވެ.
”މިއީ ރާއްޖޭގެ އިގުތިސާދުގެ ސަޕްލައި-ސައިޑް އެއްކޮށް ބަދަލުކޮށްލާނެ މަޝްރޫއުތަކެއް.“ މިނިސްޓަރު ވިދާޅުވީ އެކިރަށްތަކުގައި ވައިގެ ބަނދަރުތައް ތަރައްގީކުރުމުގެ މަސައްކަތްތައް ހިނގަމުން އަންނަ ކަމަށެވެ.
”ބަޖެޓަށް ލުއިކުރުމަށްޓަކައި، ކްރޮސް ސަބްސިޑީ އުސޫލުން މިހާރު ވެސް، ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން،“ މިނިސްޓަރު ވިދާޅުވި އެވެ.
”އިގުތިސާދީ ހަރަކާތްތައް އިތުރުކޮށް ހުއްޓުމެއްނެތި ހިންގުން މުހިންމު. ގުޅީފަޅުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޕޯޓާއި، މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތްތައް މިވަނީ ފެށިފައި. މި މަޝްރޫއުތަކަކީ އިގުތިސާދީ ވިލުންވެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ބިންގަލެއް.“ މިނިސްޓަރ ވިދާޅުވިއެވެ.
އަންނަ 2023 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ 19.7 ޕަސެންޓް ޚަރަދު ކުރަން ނިންމާފައި ވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ.
ޕީއެސްއައިޕީ އަށް ކަނޑައަޅާފައިވާ 8.4 ބިލިއަން ރުފިޔާގެ ތެރެއިން 3.1 ބިލިއަން ރުފިޔާ އަކީ ޑޮމެސްޓިކް ބަޖެޓުން ކުރާ ހަރަދެވެ. އަދި ބޭރު ފަރާތްތަކުން ނަގާ ލޯނުން 4.1 ބިލިއަން ރުފިޔާ އަދި ބޭރުގެ ހިލޭ އެހީ އިން 713 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން 439.5 މިލިއަން ރުފިޔާ ހަރަދު ކުރަނީ ގްރީން ފަންޑުންނެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި މުޅިން އަލަށް ފަށާ 204 މަޝްރޫއަކަށް 483.7 މިލިއަން ރުފިޔާ ހޭދަ ކުރަން ވަނީ ހިމަނައިފަ އެވެ. ޓެންޑަރިން މަރުހަލާގައިވާ 311 މަޝްރޫއަކަށް 527.5 މިލިއަން ރުފިޔާ އަދި ޕްރީ ޓެންޑަރިން މަރުހަލާގައިވާ 479 މަޝްރޫއަކަށް 1.2 ބިލިއަން ރުފިޔާ ހޭދަ ކުރަން ވެސް ވަނީ ހިމަނައިފަ އެވެ.
މިހާރު ހިނގަމުން އަންނަ 1211 މަޝްރޫއަކަށް 5.5 ބިލިއަން ރުފިޔާ ހޭދަ ކުރުމަށާއި ނިމިފައިވާ 113 މަޝްރޫއެއްގެ ރިޓެންޝަން ފައިސާ އަށް ވާ 77.3 މިލިއަން ރުފިޔާ ވެސް ވަނީ ބަޖެޓުގައި ހިމަނައިފަ އެވެ.
ޕީއެސްއައިޕީގެ 28.9 ޕަސެންޓު ޚަރަދު ކުރަނީ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމަށެވެ.
އޭގެ ތެރޭގައި މާލެ-ތިލަފުށި ބްރިޖު އެޅުމުގެ މަޝްރޫއާ ގއ. ވިލިނގިލި-ކޫއްޑޫ ބްރިޖުގެ ސްޓަޑީއެއް ހެދުމާއި މަސައްކަތް ފެށުމަށް ވެސް ވަނީ ބަޖެޓު ކަނޑައަޅައިފަ އެވެ. ނ. މާފަރު ހދ. ހަނިމާދޫ އަދި އައްޑޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނެ އެވެ.
ހުޅުމާލެ އާއި ރަށްރަށުގައި ހައުސިން ޔުނިޓު އަޅަން 285.9 މިލިއަން ރުފިޔާ ކުނި ނައްތާލުމުގެ މަޝްރޫއުތަކަށް 630.2 މިލިއަން ރުފިޔާ މިހާރު ކުރިޔަށް ދާ އަދި އަލަށް ފަށާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 567.2 މިލިއަން ރުފިޔާ ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމްކުރަން 724.9 މިލިއަން ރުފިޔާ ގުޅިފަޅާއި އައްޑޫ ބިން ހިއްކަން 463.4 މިލިއަން ރުފިޔާރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރުގެ ފަހު އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ވައުދުތައް ފުއްދުން ކަމަށް ވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން މި ސަރުކާރު ވެރިކަމާ ހަވާލުވީ ޒަމާނުއްސުރެ ރާއްޖޭގައި ހައްލު ނުވެ ހުރި އެތައް ކަމެއް ހައްލު ކުރުމަށް ވައުދުވެގެން ކަމަށާއި އަސާސީ އަދި އުމްރާނީ ވަސީލަތްތައް ގާއިމްކޮށް އިގްތިޞާދަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ވިސްނުންތަކާ އެކު ކަމަށެވެ.
އެހެންވެ ރައީސްގެ ފަހު އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ވައުދު ފުއްދުމާއި ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އެ އިންގިލާބީ ބަދަލުތައް އަންނަ ކަމުގެ އިހުސާސް ރައްޔިތުންނާ ގާތް ކޮށްދިނުން ކަމަށް އަމީރު ވިދާޅުވި އެވެ.
މި އަހަރުގެ ބަޖެޓަކީ ކޮވިޑް-19 އިން އަރައިގަތުމަށް ފަހު ސަރުކާރުން ހުށަހަޅާ ފުރަތަމަ ބަޖެޓު ކަމަށާއި ނަމަވެސް ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގެ ސަބަބުން އިގްތިޞާދަށް ހުރި ގޮންޖެހުންތައް އަދިވެސް ބޮޑު ކަމަށް އަމީރު ވިދާޅުވި އެވެ.
”ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ޖެހިއްޖެ، ގައުމުތަކުގެ އިންފްލޭޝަން ރޭޓު ދަނީ މައްޗަށް، ތަރައްގީ ވެފައިވާ ގައުމުތަކުން މަނިޓަރީ ޕޮލިސީ ވާންކޮށް، އިންޓްރެސްޓް ރޭޓްތައް މަތިކޮށްފި،“ އަމީރު ވިދާޅުވި އެވެ.
އެ ކަންކަމުގެ އަސަރު ރާއްޖެ އަށް ކުރި ނަމަވެސް މިފަހަރުގެ ބަޖެޓަކީ ފާއިތުވި ތަނުން ލިބުނު ރަނގަޅު ތަޖުރިބާގެ މައްޗަށް ބިނާކޮށްފައިވާ އިތުބާރު ހިފޭ މަގުޗާޓެއް ކަމަށް އަމީރު ވިދާޅުވި އެވެ.
އެންމެ އިސްކަމެއް ދޭނީ ގޮންޖެހުންތައް ގިރާކޮށް އިގްތިޞާދީ ހަމަޖެހުމާއި ކުރިއެރުން ދެމެހެއްޓެނިވި ގޮތަކަށް ހިފެހެއްޓުމަށް ކަމަށް އަމީރު ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން މިފަހަރު ހުށަހަޅާފައި ވަނީ 42.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރާއިރު 40.5 ބިލިއަން ރުފިޔާ ޚަރަދު ވާނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ.