ސަރުކާރުން އަބަދުމެ މަސައްކަތް ކުރަނީ ޖަޒީރާ ފާގަތި ދިރިއުޅުން ރައްޔިތުންނަށް ހޯދައި ދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އއ.މާޅޮހު ކައުންސިލާއި، އ.ތ.މ ކޮމިޓީއާ ބައްދަލުވުމުން އެ ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެ ރަށުގެ ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތްކަން ހާމަވި ކަމަށެވެ. އަދި މި ސަރުކާރުން އަބަދުމެ މަސައްކަތް ކުރަނީ ޖަޒީރާ ފާގަތި ދިރިއުޅުން ރައްޔިތުންނަށް ހޯދައި ދިނުމަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޞާލިޙް، އއ.މާޅޮހު ކައުންސިލާއި، އ.ތ.މ ކޮމިޓީއާ ބައްދަލުކުރެއްވީ އިއްޔެ މެންދުރުފަހު ރައީސް އޮފީހުގައެވެ.
އެ ބައްދަލުވުމުގައި މާޅޮހު ކައުންސިލުން ވޭތުވެދިޔަ ދިގު ތާރީޚުގައި ދުވަހަކު ވެސް ނުހިންގާ ވަރަށް މި ވަގުތު އެ ރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާކަން ފާހަގަކޮށް ރައީސަށް ޝުކުރު އަދާކުރައްވާފައެވެ.