ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ.ހޯޑެއްދޫ ރަޝީދު (މާޓީ) ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވުން ހުއްޓުވައި ޢާއިލާއާ ހަށިގަނޑު ހަވާލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައިގައި ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރަން ނިންމައިފިއެވެ.
ރަޝީދުގެ ޢާއިލާގެ ވަކީލު މުޙައްމަދު ރާޤިބު ވިދާޅުވީ ސިވިލް ކޯޓުގެ ނިންމުން ގަބޫލު ނުކުރެވޭތީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިރޭ އެ މައްސަލަ އިސްތިއުނާފުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރަޝީދުގެ ހަށިގަނޑު ހަވާލުކުރުމަށް ޢާއިލާއިން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ކުރި ޙުކުމުގައި ވަނީ މަރާ ގުޅިގެން ހިންގާ ތަޙްޤީޤު ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދަން ޕޯސްޓްމޯޓަމް ހެދުން މުހިންމުކަން ފާހަގަ ކުރެވޭ ކަމަށެވެ.
މަރުގެ މައްސަލަތައް ތަޙްޤީޤުކުރުމުގައި ޕޯސްޓްމޯޓަމް ހެދުމުގެ ގަވާއިދެއް އޮންނަކަން ފާހަގަކޮށް ސިވިލް ކޯޓުން ބުނީ ފުލުހުން އެ ގަވާއިދުގެ ދަށުން އަމަލުކޮށްފައިރު، ރަޝީދުގެ ހަށިގަނޑު ޢާއިލާއާ ހަވާލުކުރުމަށް އަންގައި ޢަމުރެއް ނެރެންވީ ޤާނޫނީ އަދި ޝަރުޢީ ސަބަބެއް ނެތް ކަމަށެވެ.
މި މަހުގެ 25 ގައި ހޯޑެއްދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ރަޝީދު ހައްޔަރުކޮށްގެން ލޯންޗަށް އަރުވަނިކޮށް މެއަށް ތަދުވާކަމަށް އޭނާ ބުނުމުން ފުލުހުން އެކަމާ އަޅައިލާފައެއް ނުވާކަމަށް އެ ސަރަހައްދުގައި ތިބި މީހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނެފައިވަނީ އެ ދުވަހު ރަޝީދު މެއަށް ތަދެއް އަރައިގެން މަޑަވެލީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށް ޑޮކްޓަރު ބުނި ކަމަށެވެ.
ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން މާދަމާ ހެނދުނުގެ ވަގުތެއްގައި އިންޑިއާއަށް ފޮނުވާނެކަމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ވަނީ ބުނެފައެވެ.
ޒީރޯ ޓޮލެރެންސް
ލަންކާގެ ކޯޓުތަކަށްވުރެ ރާއްޖޭގެ ކޯޓުތައް ޚުދުމުހުތާރު ވެގެން ނުވާނެ، ދެކުނުގެ އާބާދީ ބޮޑުރަށެއްގައި ފުލުހުންގެ ވެހިކަލަކުންޖެހި އެކްސިޑެންޓް ވެގެން ނިޔާވި މީހަކު ލަންކާއަށް ގެންދެވިފައިވަނިކޮށް އެތާގެ ޤާނޫނު ބުނާގޮތުން އެކްސިޑެންޓްގައި މަރުވާ މީހުން ޕޯސްޓްމޯޓަމް ހަދަންޖެހޭކަމާށް ބުނެ ޕޯސްޓްމޯޓަމް ހަދަން އުޅުމުން ޢާއިލާއިން އެކަމަށް ނުޤަބޫލުވެ ކޯޓަށް ދިއުމުން ޢާއިލާގެ ނުޤަބޫލުގައި ޕޯސްޓްމޯޓަމް ނުހެދޭނެކަމަށް ލަންކާގެ ކޯޓުން ނިންމި، އޭނާގެ ޖަނާޒާގައި ބައިވެރިވެ އާސަހަރާއަށް ދިއުމުން މިކަން އެނގިފައިވާތީ ޙިއްސާކޮށްލީ.