މި ދުވަސްވަރަކީ މި ސަރުކާރުގެ އިހުމާލާއި، ޣައްދާރުކަމާއި، ކޮރަޕްޝަން އޮތް މިންވަރު ރައްޔިތުން ވަރަށް ގިނައިން ދައްކަމުންދާ ދުވަސްވަރެއް ކަމަށާއި، އެ ނޫން އަޑެއް ނީވޭ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޗާގޯސް މައްސަލައިގައި ޕީޕީއެމްގެ ޔޫތު ވިންގުން މިރޭ ބޭއްވި މުޒާހަރާގައި ޝިޔާމް ވިދާޅުވީ މި ކުރަނީ ޤައުމީ ބޮޑު މަސައްކަތެއް ކަމަށާއި، މިއީ ހުރިހާ ދިވެހި ރައްޔިތުންގެ ޙައްޤުގައި ކުރެވޭ މަސައްކަތެެއް ކަމަށެވެ.
”އެނގިވަޑައިގަންނަވާނެ މިކަހަލަ ހުރިހާ ކަމެއްގައި ދިވެހި ރައްޔިތުންގެ ތެރެއިން އަޑުއުފުލާ ބަޔަކީ އަޅުގަނޑުމެން. ހަމައެކަނި ލީޑަރަކަށް ހުރީ ރައީސް ޔާމީން. އިތުރު ލީޑަރަކަށް މިކަހަލަ ކަންކަމުގަ ބަސްބުނެ ހަދާކަށް ނުކެރޭ. ބަސް ބުނެ ހަދާތަނެއް ނުއެއް ފެނޭ. އެހެންވީމަ ރައްޔިތުންނަށް ވަރަށް ސާފު ރައްޔިތުންނާއެކީ ހުންނެވީ ކޮން ބޭފުޅެއްކަން.“
ޝިޔާމް ވިދާޅުވީ މި ދުވަސްވަރަކީ މި ސަރުކާރުގެ އިހުމާލާއި، ޣައްދާރުކަމާއި، ކޮރަޕްޝަން އޮތް މިންވަރު ރައްޔިތުން ދައްކަމުންދާ ދުވަސްވަރެއް ކަމަށެވެ. އަދި އެ ނޫން އަޑެއް ނީވޭ ކަމަށާއި އަބަދުވެސް އިވެނީ ވައްކަމާއި އަނިޔާވެރިކަމުގެ ވާހަކަތައް ކަމަށެވެ.
ޝިޔާމް ވިދާޅުވީ ސަރުކާރެއް ނެތްކަން ސަރުކާރަށް އެނގޭ ކަމަށާއި، އެހެންކަމުން އޮތް ގޮތަކީ އަނިޔާވެރިވުންކަމާއި އެހެންކަމުން ފުލުހުންނަށް ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާވުމަށް އަންގާނެ ކަމަށެވެ. ނަމަވެސް ޝިޔާމް ވަނީ ފުލުހުންނަށް އަންނަ ޣައިރު ޤާނޫނީ އަމުރުތަކަށް ބޯނުލެނބުމަށް ވެސް ގޮވައިލައްވާފައެވެ.
ޝިޔާމް ވިދާޅުވީ މިއީ ޣައްދާރު ސަރުކާރެއްކަން ފުލުހުން ވެސް އަދި ސިފައިން ވެސް މިހާރު ގަބޫލުކުރާ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއާއި، މޭޖަރ ޖެނެރަލް ޝަމާލު ޣައްދާރުވެވަޑައިގެންފައިވާކަން އެމްއެންޑީއެފުގެ ހުރިހާ އޮފިޝަލުންނަށް ވެސް އެނގޭ ކަމަށެވެ.