ކޮރަޕްޝަން ހުއްޓުވުމަށް ހުރި ހުރަސްތައް މަދެއް ނޫންކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން މިއަދު ފެށި ”އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022“ ގައި ރައީސް ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި އަދިވެސް ހުރަސްތައް އެބަހުރި ކަމަށާއި، ގޮންޖެހުންތައްވެސް މަދެއް ނޫން ކަމަށެވެ. ނަމަވެސް، މިކަމުގައި ސަރުކާރުން ކުރާ މަސައްކަތަށް ކުރިއެރުންތަކެއް ލިބޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
”އޭގެ ތެރެއިން އެއްކަމަކީ ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރާ މީހުންނަށް ފުރިހަމަ ހިމާޔަތް ލިބޭނެކަމުގެ ޔަޤީންކަން އޮންނާތީ އެފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރު އިތުރުވުން. މިއިން ދޭހަވަނީ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް މިކުރާ މަސައްކަތުގައި ޢާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން އިތުރުވަމުން އަންނަކަން.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮރަޕްޝަނަކީ މުޅި ދުނިޔެއަށް ފެތުރިފައި އޮތް ހައްލުކުރަން ދަތި ބޮޑު މައްސަލައެއް އަދި ބޮޑު ބައްޔެއް ކަމަށާއި، ނަމަވެސް މި ބައްޔަށް ވެސް ފަރުވާއެއް އޮތް ކަމަށްވާ ކަމަށެވެ. އެއީ ދެ ފުށް ފެންނަގޮތަށް ކަންތައްތައް ކުރުން ކަމަށާއި، ކޮރަޕްޝަން ނައްތައިލުމަށްޓަކައި އެންމެ ފުރަތަމަ ދެނެގަންނަން ޖެހެނީ އެކަން ކުރާ ސަބަބު ކަމަށާއި, އަދި ކޮރަޕްޝަންގެ ޢަމަލުތައް ރާވައި ހިންގާ ގޮތާއި، ދައުލަތުގެ ނިޒާމުގެ ތެރޭގައި އެކަން ހަރުލާފައި އޮތް ގޮތާއި، ހަރުލާފައި އޮތް މިންވަރު ކަމަށެވެ.
”ދުނިޔޭގެ ދިރާސާތަކުން ދައްކާގޮތުގައި ދުނިޔޭގެ އެކި ޤައުމުތަކުގައި ދޭދޭ ވިޔަފާރިތަކުގެ ތެރޭގައިވެސް ކޮރަޕްޝަން އެބަ ހިނގާ. ދައުލަތުގެ ހިންގުމުގެ ތެރޭގައި އޮތް ތިން ބާރު އެޑްމިނިސްޓްރޭޓިވް ބްރާންޗާއި، ޖުޑީޝަރީއާއި، ލެޖިސްލޭޗަރ ތެރޭގައި ކޮރަޕްޝަން އެބަ ހިނގާ. ސަރުކާރުގެ މުއައްސަސާތަކާ އަޅުގަނޑު ކުރިންވެސް ދެންނެވިހެން ޝަރުޢީ ދާއިރާއާއި، ސިވިލް ސޮސައިޓީގެ ތެރޭގައިވެސް ކޮރަޕްޝަން އެބަހިނގާ. ސިއްހީ ދާއިރާއާއި ކުޅިވަރު ދާއިރާގެ ތެރޭގައި ވެސް އެކަން އޮތީ އެހެން.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މި ނުރައްކާތެރި މައްސަލައިން މިންޖުވުމަށްޓަކައި ސަރުކާރާއި، ވިޔަފާރިވެރިންނާއި، ސިވިލް ސޮސައިޓީތައް އެކުގައި އެއްތަނެއްގައި ތިބެ މަސައްކަތް ކުރަންޖެހޭކަން ފާހަަގަކުރައްވައިފައެވެ.