ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ކޮރަޕްޝަނަށް ޚާއްސަ ހިރާސްތަކަކަށް ހުށަހެޅޭ ފަރާތްތަކެއް ކަމަށާއި، އެ ގޮތުން ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން މިއަދު ފެށި ”އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022“ ގައި ދެއްކެވި ވާހަކައިގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރު އާސިޔަތު ރިޟްވީނާ ވިދާޅުވީ ކޮރަޕްޝަނާ ގުޅިގެން ހެދިފައިވާ ދިރާސާތަކަށް ބަލާއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ކޮރަޕްޝަނަށް ޚާއްސަ ހިރާސްތަކަކަށް ހުށަހެޅޭ ފަރާތްތަކެއް ކަމަށެވެ. ވިޔަފާރި ހިންގުމުގައި އަދި ކުންފުނީގެ މަގުސަދުތައް އަދި މިސްރާބު ކަނޑައެޅުމުގައި ސިޔާސީ ނިޒާމުތަކާ ލާމެހި ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑު ބައެއް ކަމަށެވެ.
ދުނިޔޭގެ ކޮރަޕްޝަންގެ މައްސަލަތަކަށް ނަޒަރު ހިންގައިލާއިރު ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ސަރުކާރު ހިއްސާވާ ކުންފުނިތައް ބޭނުންކޮށްގެން ކުރާ އަމަލުތައްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަދި ދުނިޔޭގެ ކޮރަޕްޝަންގެ އެންމެ ބޮޑެތި ލިސްޓުތަކުގައި ރާއްޖެ ހިމެނިފައިވަނީ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ހިންގާފައިވާ ބޮޑު ވައްކަމަކާއެކު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
Naseebeh nu bunikan. Varah kiyavsigen thivaru vaahaks eh bunan wngeynee.