ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް މި ސަރުކާރުން ގާއިމުކުރި ވެބް ޕޯޓަލްއަށް މިހާތަނަށް 311 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެތެރެއިން 146 މައްސަލައަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅުން އޮތް މައްސަލަތައްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން މިއަދު ފެށި ”އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022“ ގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސަރުކާރަށް 04 އަހަރު ފުރިގެންދާއިރު ކޮރަޕްޝަނާ ދެކޮޅަށް ކޮންމެވެސް މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި، ނަމަވެސް ކުރަން ހުރި މަސައްކަތްތައް އަދިވެސް ވަރަށް ގިނަ ކަމަށެވެ.
އެ ގޮތުން ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް 12 ފެބުރުވަރީ 2019 ގައި ސަރުކާރުން އުފެއްދި ވެބް ޕޯޓަލްގެ ވާހަކަ ރައީސް ފާހަގަކުރެއްވިއެވެ.
އެ ޕޯޓަލްގެ ބޭނުމަކީ ދައުލަތުގެ މުއައްސަސާތަކުގައި ހިންގާ ކޮރަޕްޝަންގެ ޢަމަލުތައް ރިޕޯޓްކުރަން ބޭނުންވާ މީހުންނަށް އެއީ ކާކުކަން ނޭނގޭ ގޮތަށް އެފަދަ މައްސަލަތައް ރިޕޯޓް ކުރުމުގެ ފުރުސަތު އެންމެންނަށް ފަހިކޮށްދިނުމެވެ.
ރައީސް ވިދާޅުވީ ޕޯޓަލް ގާއިމުކުރި ފަހުން ޕޯޓަލް މެދުވެރިކޮށް، މިހާތަނަށް 311 މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެތެރޭގައި ރަށްރަށް ކުއްޔަށް ދިނުމާ ގުޅޭ މައްސަލަތަކާއި، ގޯއްޗާއި ފްލެޓް ދޫކުރުމާ ގުޅޭ މައްސަލަތަކާއި، ބިން ކުއްޔަށް ދިނުމާ ގުޅޭ މައްސަލަތަކާއި، ޕްރޮކިއުމަންޓާ ގުޅޭ މައްސަލަތަކާއި، މުސާރައާއި ޢިނާޔަތްތަކާ ގުޅޭ މައްސަލަތައް ހިމެނޭ ކަމަށެވެ.
”އޭގެތެރެއިން 146 މައްސަލައަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅުންއޮތް މައްސަލަތައް. ޙަޤީޤަތުގައިވެސް މިއިން ދޭހަކޮށްދެނީ ކޮންމެވެސް ކަމެއް ކޮންމެވެސް ހިސާބެއްގައި ހިނގާކަން. އަޅުގަނޑު މި ދެންނެވީ އެންމެން މީގެ ތެރޭގައި މި ފަސާދައިގެ ތެރޭގައި ހިމެނިފައި ތިބި ވާހަކައެއް ނޫން.“
ރައީސް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރަންޖެހޭ ކުންފުނިތަކެއް ކަމަށެވެ. އަދި އެ ކުންފުނިތައް ޒިންމާދާރުކަމާއެކު ދެފުށް ފެންނަ ގޮތަށް މަސައްކަތްކުރާ ތަނަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.