މިދިޔަ ހަފްތާއިން ފެށިގެން ގދ.އަތޮޅުގައި ހިންގާ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަން އަދިވެސް ކުރިއަށްދާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގަމުންދާ މި އޮޕަރޭޝަނުގައި ހޯޑެއްދޫން ވަނީ ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ހޯދައިފައެވެ.
އެނގިފައިވާ ގޮތުން އެ ރަށު ވަލުތެރޭގައި ވަޅުލާފައި ހުއްޓާ މިހާތަނަށް 15 ކިލޯއެއްހައި މަސްތުވާތަކެތި ވަނީ ހޯދައިފައެވެ.
މި އޮޕަރޭޝަނުގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާކަމަށް ފުލުހުން ބުނި ނަމަވެސް އަތުލައިގަތީ ކިހާ އެއްޗެއްސެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
މި އޮޕަރޭޝަންގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު ތިން މީހަކު ހައްޔަރު ވެސް ކުރިއެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭގެތެރެއިން އެކަކު ވަނީ ނިޔާވެފައެވެ.
ފުލުހުން މިއަދު ބުނީ މި އޮޕަރޭޝަން ކުރިއަށްދާތީ އޮޕަރޭޝަނާބެހޭ އިތުރު މަޢުލޫމާތު އަދި ހާމަކުރެވެން ނެތް ކަމަށެވެ.
އެނގިފައިވާ ގޮތުގައިި މި މަހުގެ 25 ގައި ހޯޑެއްދޫ, އަލޯރާ, އަރުޝަދު ޚާލިދު ވެސް ހައްޔަރުކުރީ މި އޮޕަރޭޝަނުގެ ތެރެއިންނެވެ. ނަމަވެސް ބަންދުގައި ބެހެއްޓޭނެ ވަރަށް ހެކި ނެތުމުން އޭނާ ދޫކޮށްލީއެވެ.
ޚަބަރުތައް ބުނާގޮތުގައި އެ އޮޕަރޭޝަނުގައި އިސްކޮށް ޙަރަކާތްތެރިވެލައްވަނީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، އެއްޗެހިތައް ހުރިތަންތަން ފާހަނގަކޮށްދެއްވުމާއި، އިންޓެލިޖެންސް މައުލޫމާތުތައް އެއްކުރެއްވުމުގައި އެމަނިކުފާނުގެ ވަރަށްބޮޑު އެހީތެރިކަމެއް ދެއްވަމުންދަނީ. ސަސްޕެކްޓްތައް އެމަނިކުފާނު ފާހަނގަ ކޮށްދެއްވުން އެއަށް އެޓެންޑްވެ އޮޕަރޭޝަން ވަރަށް ފުޅާވެފައިވާ ކަމަށް ޚަބަރުތައް އިވެމުންދޭ.