ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ހާޓު އެޓޭކެއް ޖެހިގެން ނިޔާވި ގދ.ހޯޑެއްދޫ، ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހެދުން ހުއްޓުވާނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
ރަޝީދުގެ އާއިލާއިން މަދަނީ ކޯޓުގައި އެދިފައިވަނީ މައްޔިތާގެ ހަށިގަނޑުގެ ޕޯސްޓްޕޯޓަމް ހެދުމަށް ފުލުހުން ނިންމާފައިވާ ނިންމުން ބާތިލުކޮށް، ކަށުކަމާކެމީގެ ކަންކަން ނިންމައި އޭނާ ވަޅުލުމަށް އާއިލާއާ ހަވާލުކުރަން އަމުރުކޮށްދިނުމަށެވެ.
އަމުރަށް އާއިލާއިން އެދުނީ މައްޔިތާގެ ހަށިގަނޑަށް އިތުރު ގެއްލުންތަކެއް ނުދީ ވީހާވެސް އަވަހަށް ވަޅުލުމަށާއި، ޕޯސްޓްމޯޓަމް ހަދަން ބޭނުންވާ ވާހަކަ ލިޔުމުން އާއިލާއަށް ނާނގައި މައްޔިތާ މޯޗަރީގައި ބާއްވާފައިވާތީއާއި، އާއިލާއިން ޕޯސްޓްމޯޓަމް ހެދުމަށް ނޭދޭތީއާއި، ނިޔާވުމުން ވީހާވެސް އަވަހަކަށް މައްޔިތާ ވަޅުލުމަކީ އިސްލާމީ ޝަރީޢަތުގައި އެކަމަށް ބާރުއަޅާ ކަމެއް ކަމުގައިވުމުންނެވެ.
އެ މައްސަލައަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ތަދައްޚުލުވުމާ ގުޅިގެން މައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ކުރިއަށްގެންދިޔައީ ޕީޖީ އޮފީހުގެ ވަކީލުންގެ ޙާޟިރުގައެވެ.
ޝަރީޢަތުގެ މަޖިލީހުގައި ޢާއިލާއިން ފާހަގަކުރީ މި ހާލަތުގައި އޮޓޮޕްސީ ހަދައިގެން ތަހުގީގަށް ލިބޭނެ ކުރިއެރުމެއް ނުވަތަ ތަހުގީގުގެ ބާރުވެރިކަމަށް ލިބޭނީ ކޮން ކުރިއެރުމެއްކަން ފުލުހުން ސާފުކޮށްދީފައިނުވާ ކަމަށެވެ. އަދި ރަޝީދު މަރުވީ އެތައް ބައެއްގެ ޙާޟިރުގައި ކަމަށާއި، މަރުވީ ކުއްލި ހާޓު އެޓޭކެއް ޖެހިގެންކަން ލިޔެކިޔުމުން ސާފުވާތީ، އޭނާ މަރުވި ސަބަބު ހޯދުމަށް ޕޯސްޓްމޯޓަމް ހެދުމުގެ ޟަރޫރަތެއް ނެތްކަން އާއިލާއިން ފާހަގަކުރިއެވެ.
ރަޝީދު ހައްޔަރުކޮށް ލޯންޗަށް އެރުވިއިރު އެތަނުގައި އެކަށީގެންވާ އަދަދަކަށް ފުލުހުން ތިބެފައި އޭނާއަށް ފަރުވާދެވޭނެ ފުރުސަތާއި ވަގުތާއި އެކަމަށް އެކަށީގެންވާ މާހައުލެއް އޮވެމެ، އޭނާއަށް ފަރުވާ ދިނުމަށް ފުލުހުން ހުރަސްއެޅުމަކީ އިހުމާލެއް ކަމުގައި އާއިލާއިން ފާހަގަކޮށްފައިވެއެވެ.
މައްޔިތާގެ ވަސިއްޔަތާ އެއްގޮތަށް އޭނާގެ ގުނަވަނެއް ހަދިޔާކުރަން ނޫން ހާލަތެއްގައި އޭނާގެ ހަށިގަނޑު ފަޅައިގެން އޮޓޮޕްސީ ހެދުމަކީ އިސްލާމީ ޝަރީޢަތް ހުއްދަކުރާ ކަމެއް ނޫންކަމަށާއި މައްޔިތާއަށް ފުރިހަމައަށް އިހުތިރާމުކުރުމަކީ ދިރިތިބީންގެ މައްޗަށް އޮތް ވާޖިބެއްކަންވެސް އިސްލާމީ ޝަރީޢަތުން އެނގޭ ކަމަށް އާއިލާއިން ބުނެފައިވެއެވެ.
ފުލުހުން އެ ވާހަކަތަކަށް ރައްދުދީ ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ރަޝީދު ނިޔާވުމަކީ ފުލުހުން ކަންބޮޑުވާ ކަމެއް ކަމަށާއި، ފުލުހުންނަށް އަމާޒުވާ ތުހުމަތުތަކުގެ ޙަޤީޤަތަށް ވާސިލުވުމަށް ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ ކަމަށެވެ. އަދި އެ ތުހުމަތުތަކުގެ ހަގީގަތަށް ވާސިލުވުމަކީ ފުލުހުންގެ މުއައްސަސާގެ އިތުބާރު ނެގެހެއްޓުމަށް ނުހަނު މުހިއްމު ކަމެއް ކަމަށެވެ.
އަދި މި މައްސަލާގައި އެއްވެސް ފަރާތެއްގެ މައްޗަށް ތުހުމަތުކުރެވި ދައުވާކުރެވޭ ހާލަތުގައި އަދުލުވެރިކަން ޤާއިމުކުރުމަށް ފުރިހަމަ ތަހުގީގެއް ކުރެވެންޖެހޭ ކަމަށްވެސް ބުނެފައިވެއެވެ. އަދި މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް މި މައްސަލައިގެ ގުޅިފައިވާ ތަހުގީގު ހިންގުމުގައި އިސްކޮށް މަސައްކަތްކުރާ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށާއި މައްސަލަ ތަހުގީގުކުރާ ފުލުހުންގެ ޓީމަށްވެސް ޤަބޫލުކުރެވޭ ކަމަށް ފުލުހުންގެ ފަރާތުން ކޯޓުގައި ބުނެފައިވެއެވެ.
އަދި އެ މައްސަލާގައި ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރަންޖެހޭ އިޖުރާއާތުގެ ޤަވާއިދާ އެއްގޮތަށް އަމަލުކޮށްފައިވާނެ ކަމަށާއި، ކޯޓުން އެކަން ހުއްޓުވައިފިނަމަ ހިނގަމުންދާ ޖިނާއީ ތަހުގީގަށް ހުރަސްއެޅި އިންސާފަށް ވާސިލުވުމަށް ދަތިވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
މައްސަލައަށް ތަދައްޚުލުވެ ޕީޖީގެ ފަރާތުންވެސް އެދުނީ އެ މައްސަލާގައި ޕޯސްޓްމޯޓަމް ހެދުން ހުއްޓުވުމުގެ އަމުރެއް ނެރޭނެ ޖާގައެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ފުލުހުންގެ ކިބައިން ޕޯސްޓްމޯޓަމް ހެދުމަށް އެދުނީ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 75-1 ގެ ދަށުން ކަމަށާއި އެ ހާލަތުގައި ޕޯސްޓްމޯޓަމް ހެދުމަށް އާއިލާގެ ރުހުން ބޭނުންނުވާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
އަދި ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ ޤާނޫނާ އެއްގޮތަށް ކަމަށާއި، ކޯޓުން އެކަން ހުއްޓުވަން އަމުރެއް ނެރެފިނަމަ، ހިނގަމުން އަންނަ ޖިނާއީ ތަހުގީގަށް ވަރަށް ބޮޑަށް ހުރަސްއެޅޭނެކަމަށް ޕީޖީ އޮފީހުންވެސް ބުނެފައިވެއެވެ.
މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ޤާޟީ ޙަސަން ފަހީމް އިބްރާހީމް ނިންމަވާފައިވަނީ ޤާނޫނާއި ޤަވާއިދުގައިވާ ގޮތުގެ މަތިން އިހުމާލުން މީހަކު މަރުވިކަމަށް ބެލެވޭ މައްސަލަތަކުގައި ޕޯސްޓްމޯޓަމް ހަދަން ނިންމުމުގެ އިޚުތިޔާރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. އަދި އެހެންކަމުން އާއިލާއިން އެދުނު ގޮތަށް ޕޯސްޓްމޯޓަމް ހެދުން ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށްވެސް އޭނާ ނިންމެވިއެވެ.
އިސްލާމީ ޝަރީޢަތުގައި އޮތްގޮތް ފަޑިޔާރުގެ ރައުޔުގައި ގެނަސްނުދިނީ ކީއްވެބާ؟
Dhidaily hama thafaathu egey saaabahey