ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާއެކު (އަލަމްގިރި) އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ހިމެނޭ މީހަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.
ރާއްޖޭގެ ގިނަ ފިރިހެނުންތަކަކާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި އަލަމްގިރިއާއެކު އެ އަމަލު ހިންގި މައްސަލައިގައި މިއަދު ޙުކުމްކުރީ ކަސްޓަމްސްގެ އޮފިސަރެއްކަމަށްވާ މަޙްމޫދު ރިޔާޟްގެ މައްޗަށެވެ.
މަޙްމޫދަށް ޙުކުމް އިއްވީ އޭނާ ކުށަށް ޢިއުތިރާފުވުމުންނެވެ.
ކްރިމިނަލް ކޯޓުން ބުނީ މަޙްމޫދު ރިޔާޟްގެ މައްޗަށްދައުލަތުން ދަޢުވާކުރި އެއްޖިންސުން ޖިންސީގުޅުން ހިންގުމުގެ ކުށުގެ ދަޢުވާއަށް މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައާއި, އަވަސްނިޔާގެ އަޑުއެހުމުގައި އިޢުތިރާފުވެފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން ޙުކުމް އިއްވީ 7 މަހާއި 6 ދުވަހުގެ މުއްދަތަށް އޭނާ ޖަލަށްލުމަށެވެ. އަދި އޭނާ ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 6 މަހާއި 20 ދުވަހުގެ މުއްދަތުގެ އަދަބެއް ކަމަށެވެ.
ނަމަވެސް ގާޒީ ވަނީ އެ އަދަބުގެ ބޮޑު ބައެއް ގޭބަންދުގެ އަދަބަށް ބަދަލުކުރައްވައިފައެވެ.
“ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގެ 37 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މި މުއްދަތުގެ ތެރެއިން 3 (ތިނެއް) މަހާއި 10 (ދިހައެއް) ދުވަހަކީ ޖަލު ޙުކުމެއްގެ ގޮތުގައި ތަންފީޒުކުރަންޖެހޭ މުއްދަތެއް ކަމަށާއި، ބާކީ 6 (ހައެއް) މަހާއި 20 (ވިހި) ދުވަހަކީ ގޭ ބަންދުގެ ޙުކުމެއްގެ ގޮތުގައި ތަންފީޒުކުރަންޖެހޭ މުއްދަތެއް ކަމުގައި ކަނޑައަޅައި ހުކުމްކުރެވިފައި.“ ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި ވެއެވެ.
އަލަމްގިރިއާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ބައެއް މީހުންނަށް މިހާރު ވަނީ ޙުކުމް އިއްވައިފައެވެ.