ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަން ޖެހޭގޮތް ހެދުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލު ފާސް ނުކުރަން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ނިންމައިފިއެވެ.
އެބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އ. ޝަފީގުއެވެ. ބިލްގައި ބުނެފައި ވަނީ އިންތިޚާބުތައް ބާއްވާނީ އެއިން ކައުންސިލެއްގެ ނުވަތަ ކޮމިޓީއެއްގެ ގޮނޑި ހުސްވިކަން އަންގާތާ ގިނަވެގެން 365 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކަމަށާއި ނަމަވެސް ކައުންސިލުގެ ނުވަތަ ކޮމިޓީގެ ގާނޫނީ އަދަދު ހަމަވާ މިންވަރަށް މެންބަރުން ނެތް ހާލަތެއްގައި 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށެވެ.
ގާނޫނުގައި މިހާރު އޮންނަނީ ކައުންސިލް އަދި ޑަބްލިޔުޑީސީން ހުސްވާ ގޮނޑިއަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވަން ޖެހޭ ބައި-އިލެކްޝަންތައް 60 ދުވަހުގެ ތެރޭގައި ބާއްވަންވާނެ ކަމަށެވެ.
ޤާނޫނަށް މި އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވަނީ އަވަސް އަވަހަށް ބައި-އިލެކްޝަންތައް ބާއްވަން ޖެހުމުން އެކަމަށް ކުރަން ޖެހޭ ޚަރަދު ބޮޑުވެ، ދައުލަތުގެ ޚަރަދު ބޮޑުވަމުންދާތީއެވެ.
ނަމަވެސް ކޮމިޓީން ނިންމީ މަޖިލިސް ތަޅުމުގައި މެންބަރުން ފާޅުކުރެއްވި ހިޔާލުތަކަށް ރިޔާޢަތް ކުރާއިރު، ބައި-އިލެކްޝަން ބޭއްވުމާ ގުޅޭ މާއްދާތަކަށް އިސްލާހު ގެނައުމަކީ މިވަގުތަށް މުހިއްމު ކަމެއްނޫންކަމަށް ކޮމެޓީ މެންބަރުން ހިޔާލު ފާޅުކުރައްވައިފައިވާކަމަށެވެ.
ބައި-އިލެކްޝަން ބޭއްވުމާ ގުޅޭ ގޮތުން ބިލުގައި ހިމެނޭ އެންމެހައި މާއްދާތައް އުނިކުރުމަށް ކޮމެޓީގެ އިއްތިފާގުން ނިންމާފައިވާތީ، ބިލުގެ މަޤްޞަދު ގެއްލިފައިވާ ކަމަށާއި އެހެންކަމުން އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް ކޮމެޓީ މެންބަރުންގެ އިއްތިފާގުން ނިންމައި ބިލު ވަނީ މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ.
ރަށްރަށުގެ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައިއިލެކްޝަންތައް އަހަރަކު އެއް ފަހަރު ބޭއްވުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ ޚިލާފުކަމެއް ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވެސް ވަނީ ބުނެފައެވެ.