ދިވެހިރާއްޖޭގެ ހަކަތައިގެ މަގުޗާޓު މުރާޖަޢާކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިކަމަށްޓަކައި އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ މަސައްކަތު ބައްދަލުވުމެއް ބާއްވާފައެވެ.
މިނިސްޓްރީ އޮފް އެންވަޔަރަަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި ހަކަތައިގެ ދާއިރާއިން ރާއްޖެއަށް ބޭރުގެ އެހީ ފޯރުކޮށްދޭ ފަރާތްތައް ކުރިއަށްގެންދިޔަ މި ބައްދަލުވުމުގެ އެންމެ ބޮޑު ބޭނުމަކީ، ހަކަތައިގެ ދާއިރާއިން 2030ގެ ކުރިން ހާސިލްކުރުމަށް ބޭނުންވާ ކަންކަން ކުރުމަށް، އެކުގައި ގުޅިގެން މަސައްކަތް ކުރުމެވެ.
ހޮޓެލް ޖެންގައި ކުރިއަށްގެންދިޔަ އެއް ދުވަހުގެ މި ބައްދަލުވުމުގައި ހަކައިގެ ދާއިރާއާއި ގުޅުންހުރި 70 ސްޓޭކްހޯލްޑަރުން ބައިވެރިވެފައިވެއެވެ. ބައްދަލުވުން ފައްޓަވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޚަދީޖާ ނަސީމްއެވެ.
މި މަސައްކަތު ބައްދަލުވުން ކުރިއަށްގެންދިޔައީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އަދި އިންޓަނޭޝަނަލް ސޯލާ އެލަޔަންސް (އައި.އެސް.އޭ) ގެ ފަންނީ އެހީތެރިކަމާއެކުއެވެ.