”ހެލޮވީން“ ފާހަގަކުރުމަށް މަގުތަކަށް ނުކުމެ ތިބި ގިނަ ބަޔަކު ފިތިގެން މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގަ ހޮނިހިރު ދުވަހުގެ ރޭ 10:20 ހާއިރުއެވެ.
އެގޮތުން، ސޯލްގައި ”ހެލޮވީން“ ފާހަގަކުރުމަށް މަގުތަކަށް ނުކުމެ ތިބި ގިނަ ބަޔަކު ހަނިމަގަކަށް ވަނުމުން އެންމެން އެ މަގުގައި ތާށިވިކަމަށާއި މީހުން މަރުވެފައިވަނީ އޭގެ ސަބަބުން ކަމަށް ވަނީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައެވެ.
މި ހާދިސާގައި 149 މީހަކު މިހާތަނަށް މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވާއިރު 150 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާ ވަނީ ލިބިފައެވެ. އެހެންކަމުން، މި ހާދިސާގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވެދާނެ ކަަމަށް ދެކުނު ކޮރެއާގެ އޮފިޝަލުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނެއެވެ.
ސޯލްގެ ހޮސްޕިޓަލްތަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ގިނަ މީހުން މަރުވެފައިވަނީ ނޭވާ ހާސްވެގެންނެވެ. އަދި ބައެއް މީހުން ހާޓް އެޓޭކު ޖެހިގެން މަރުވެފައިވާ ކަމަށް ވެސް ބެލެވޭ ކަމަށް ވަނީ ބުނެފައެވެ.
މި ހާދިސާ އާ ގުޅިގެން ދެކުނު ކޮރެއާގެ ރައީސް ވަނީ ހާދިސާގައި މަރުވި މީހުން ދެނެގަނެ، ވީހާވެސް އަވަހަށް އާއިލާތަކަށް އެކަން އަންގަން އިރުޝާދު ދެއްވާފައެވެ. އަދި އެކަމަށް ހާއްސަކޮށްގެން އިމަރޖެންސީ މެނޭޖްމަންޓު ހެޑް ކުއާޓާ އެއް ވެސް އެ ސިޓީގައި ވަނީ ހަދައިފައެވެ. އެތަން މެނޭޖުކުރަމުން ގެންދަވަނީ އެ ޤައުމުގެ ބޮޑުވަޒީރެވެ.