މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ ތެރެއިން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަންޖެހިފައި ތިބި ގައިދީންނަށް ޚާއްސަ އޮޕަރޭޝަން ހޭހަން ފަށައިފިއެވެ.
އޮޕަރޭޝަން ހޭހަން އަކީ ޖަލުގައި ތިބި ޤާއިދީންނާއި ބަންދުމީހުންގެ ތެރެއިން ޚާއްސަ ޑޮކްޓަރުންނަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ މީހުން ތިބުމާއި އެކު، އެމީހުން ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމަށާއި، ޖަލުގައި ދެވެން ނެއް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ނުވަތަ އެނޫންވޭސް ސިއްޙީ ޚިދުމަތްދޭ މަރުކަޒަކަށް ގެންގޮސްގެން ދިނުމަށް ހިނގޭ ޚާއްސަ އޮޕަރޭޝަންއެކެވެ.
މި އޮޕަރޭޝަންގައި ހިމެނޭ އޮފިސަރުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ޚާއްސަ ޑޮކްޓަރުންނަށް ދައްކަންޖެހޭ ޤާއިދީންނާއި ބަންދުމީހުން ހަދަންޖެހޭ ތަފާތު އެކި ޓެސްޓުތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާ ހަމައަށް ޖަލުން އެސްކޯޓްކޮށް، އެ ޚިދްމަތް ލިބޭނެ މަގުފަހި ކޮށްދިނުމެވެ.
މިއޮޕަރޭޝަންގައި ބައިވެރިވަނީ މައިގަނޑު ގޮތެއްގައި ހުރިހާ ކޮމިޝަންޑު އޮފިސަރުންނާއި ފަސްޓް ކްލާސް ޕްރިޒަން އޮފިސަރުންގެ މަތީ ރޭންކުތަކުގެ އޮފިސަރުންނެވެ. އަދި އޮޕަރޭޝަން ހިންގުމަށް އެހެން ރޭންކްތަކުގެ އޮފިސަރުންނާއި މުވައްޒަފުން އެހީތެރިވާނެ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.
މި އޮޕްރޭޝަންގައި ސީނިއަރ މެނޭޖްމަންޓް ބައިވެރިކުރުމުގެ މަޤްޞަދަކީ ޤައިދީންނާއި ބަންދު މީހުން އެސްކޯޓު ކުރުމުގައި ހުރި ދަތިތައް ދެނެގަތުމާއި އެކު ނިޒާމީ ސިފައެއްގައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމާއި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް މަސައްކަތް ކުރުމެވެ.
މެޑިކަލް ޓީމް ހިމަނައިގެން މި އޮފަރޭޝަންގައި ޖުމްލަ 8 ޓީމް ހަރަކާތްތެރިވެއެވެ. މި އޮޕަރެޝަނުގައި ބައިވެރިވާ ކަރެކްޝަންސްގެ އޮފިސަރުންނަށް ވަނީ ރިފްރެޝާ ޕްރޮގްރާމެއް ވެސް ހިންގާފައެވެ.