ދިވެހިރާއްޖެއަށް ސިގިރެޓު އެތެރެ ކުރާ މިންވަރު ވަރަށް ބޮޑަށް ދަށްވެ، އޭގެ ބަދަލުގައި ވޭޕާއި އެއާ ގުޅޭ ސާމާނު އެތެރެ ކުރާ މިންވަރު ހަތް ގުނަ އިތުރުވެއްޖެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ކަސްޓަމްސްއިން ނެރުނު 2021 ވަނަ އަހަރުގެ ތަފާސްހިސާބު ދައްކާ ގޮތުން، ސިގިރެޓު އެތެރެ ކުރާ މިންވަރު، އެންމެ ގިނައިން މިހާތަނަށް އެތެރެ ކުރި އަދަދާ އަޅާބަލާއިރު 31 ޕަސެންޓު މަދުވެފައިވާ ކަމަށް ދައްކައެވެ.
ކަސްޓަމްސްގެ ހިސާބުތަކުން ދައްކާ ގޮތުގައި ސިގިރެޓުގެ ޓެކްސް ބޮޑު ކުރި ކޮންމެ ފަހަރަކު ވެސް އެތެރެ ކުރާ މިންވަރު ވަނީ ނިސްބަތުން މަދުވެފަ އެވެ. މިހާރު ކޮންމެ ސިގިރެޓަކުން ތިން ރުފިޔާގެ ޓެކުހެއް ނެގުމުގެ އިތުރުން ސިގިރެޓުގެ އަގުން 25ރ. ގެ ޓެކުހެއް ނަގަ އެވެ.
ސިގިރެޓު އެތެރެ ކުރާ މިންވަރު ދަށްވި ނަމަވެސް ކަސްޓަމްސްއަށް ވަނީ ސިގިރެޓުން ވަރަށް ބޮޑު އާމްދަނީއެއް ލިބިފަ އެވެ. މިދިޔަ އަހަރު ސިގިރެޓުން ޓެކްސް ނަގައިގެން ކަސްޓަމްސްއަށް 1.1 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ މުޅި ކަސްޓަމްސްއަށް މިދިޔަ އަހަރު ހޯދުނު އާމްދަނީގެ 33 ޕަސެންޓެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް ވޭޕާއި އެއާ ގުޅޭ ސާމާނު އެތެރެ ކުރާ މިންވަރު ހަތް ގުނައަށް އިތުރުވެފައިވާކަމަށް ދައްކައެވެ. މީގެ ތިން އަހަރު ކުރިން ރާއްޖެއަށް އެތެރެ ކުރި ވޭޕާ ގުޅޭ ސާމާނުގެ އަގު ފަސް މިލިއަން ރުފިޔާއަކަށް ނާރަ އެވެ.
އެހެންނަމަވެސް 2021 ވަނަ އަހަރު ރާއްޖެއަށް ގާތްގަނޑަކަށް 30 މިލިއަން ރުފިޔާގަ ވޭޕާ ގުޅޭ ސާމާނު އެތެރެކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.