އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.
ސަރުކާރުން 2023 ވަނަ އަހަރަށް ކަނޑައަޅާފައި ވަނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، މާދަމާގެ ޖަލްސާގައި ބަޖެޓު ހުށަހެޅުމުގެ އިތުރުން ދައުލަތުން ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އާއި ހަރަދުވާނެ ގޮތާއި މަޝްރޫއުތަކާއި މަސައްކަތްތަކަށް ހަރަދު ކުރާނެ ގޮތުގެ ތަފްސީލްތައް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މިދިޔަ މާލީ އަހަރުގައި ދައުލަތުގެ ހަރަދުތައް ހިނގި ގޮތާއި ލިބުނު އާމްދަނީގެ ހިސާބުތަކާ ބެހޭ ގޮތުން މިނިސްޓަރު ވާހަކަ ދައްކެވުމަށް ވަނީ ހަމަޖެހިފައެވެ.
ގާނޫނުއަސާސީގެ 96 ވަނަ މާއްދާގައިވާ ގޮތުން ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބަޖެޓަށް މަޖިލީހުން އުނި އިތުރު ގެނެވޭނެއެވެ. އަދި ބަޖެޓް ހުށަހެޅުމަށް ފަހު އެއަށް ބަހުސް ކޮށް ދިރާސާ ކުރާނެ ތާރީހެއް މަޖިލީހުގެ ކޮމިޓީން ނިންމާނެ އެވެ.
މަޖިލީހަށް ބަޖެޓް ހުށަހަޅާއިރު އަންނަ އަހަރުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމުގެ އިސްލާހު އަދިވެސް އޮތީ މުޅި މަޖިލީހުގެ ކޮމިޓީގަ އެވެ.
ޓެކްސް ބިލުގެ މަސައްކަތް މި ހަފްތާގެ އަންގާރަ ދުވަހަށް ނިންމަން މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އެމްޑީޕީ ޕީޖީގެ ތެރެއިން ސަރުކާރު ފެކްޝަންގެ ގިނަ މެމްބަރުން ވަނީ އެ ބިލު ވީހާވެސް އަވަހަށް ނިންމައި ފާސް ކުރަން އެދިވަޑައިގެންފަ އެވެ.