ހޯދުނު ގޮތަކުން ފައިސާ ހޯދުމަކީ، ޖާއިޒް ކަމެއްގެ ގޮތުގައި ގަބޫލުކޮށް، އެކަމަށް ހިތްވަރު ދިނުމަށްވުރެ، ބޮޑު ނުބައެއް ނޯންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން މިއަދު ފެށި “އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022” ފަށްޓަވައިދެއްވުމުގެ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދައުލަތުގެ ތިންބާރާއި، ސިވިލް ސޮސައިޓީގެ ތެރޭގައިވެސް ކޮރަޕްޝަންގެ އަމަލުތައް ހިނގާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދައުރެއް ބަދަލުވެ ވެރިކަން ފުރޮޅުނަސް، އެއަންނަ ކުއްލި ބަދަލާއިއެކު ހުރިހާ ކަމެއް ވަގުތުން ރަނގަޅުވެ އިސްލާހުވެގެން ނުދާނެ ކަމަށާއި، ކަންކަމަށް ހުޅުވިފައި ހުންނަ ދޮރުތަކާއި، ވެފައި އޮންނަ ޒަމާންވީ އާދަ، ހަމަ އެވަގުތު ބަދަލުވެސް ނުވާ ކަމަށެވެ.
އަދި ވަކިން ހާއްސަކޮށް، ކަމެއް މާގިނަ ދުވަހު ދެމި އާދައަކަށް ވުމުން، ނުރަނގަޅު އޮންނަނީ ރަނގަޅެއްގެ ގޮތުގައި ބެލެވިފައި ކަމަށާއި ގޯސް އޮންނަނީ އެއްގޯސްވެފައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ކޮރަޕްޝަނާއި ފަސާދަޔާއި ނާޖާއިޒް ފައިދާ ނެގުމަކީ، ދައުލަތުގެ ތެރޭގައި އިންތިޒާމްވެފައި އޮންނަ ރީތި ކަމެއްގެ ގޮތުގައި ވެރިން ދެކި އެ ނަމޫނާ ދެއްކުމަށްވުރެ ބޮޑު ގޯހެއް އެއްވެސް ގައުމަކަށް ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކޮރަޕްޝަނާއި ދެކޮޅަށް މިސަރުކާރުން ކުރެއްވި މަސައްކަތުގެ އެންމެ މުހިއްމު ބަޔަކީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ މިނިވަން މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ބަލައި އެފަދަ އަމަލުތައް ހުއްޓުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރާ އެއްވެސް ކަމަކަށް، އަދި ކުރާ ތަހުގީގަކަށްވެސް ސަރުކާރުގެ އެއްވެސް ނުފޫޒެއް މިހާރު ނޯންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައިސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، މިސަރުކާރަށް 4 އަހަރު ފުރެންދާއިރު، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަން ފާހަގަކުރައްވައި އެކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް، ބައިނަލްއަގުވާމީ މުޖްތަމައު އިން މިއަދު ބަލައިގަންނަ ކަމަށެވެ.