ބޮޑެތި ކުށްތަކުގައި ދަޢުވާކޮށްފައި ތިބޭ މީހުން ދައުލަތުގެ ބޮޑެތި މަގާމުތަކަށް ލީމާ ރާއްޖޭގައި ކުށްކުރާ މީހުންނަށް ހިތްވަރު ލިބޭ ވިދާޅުވެ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފަށް ރައްދެއް ދެއްވައިފިއެވެ.
ނ.މަގޫދޫ ކައުންސިލަށް އަންހެން މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕޭން ޖަލްސާއެއްގައި މަހްލޫފް ވަނީ ސަރުކާރުން ޤައުމު ވިއްކަން އުޅޭކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ވާހަކަދައްކަނީ ސަރުކާރުން ގެންނަމުންދާ ތަރައްޤީއާގުޅޭ ގޮތުން ދައްކާނެ ވާހަކައެއް ނެތިގެންކަމަށް ވިދާޅުވެފައެވެ.
ނަރީޝް ވިދާޅުވީ ބޮޑެތި ކުށްތަކަށް ތުހުމަތުކުރެވޭ އަދި ކުށްތަކުގައި ދައުވާ ކޮށްފައި ތިބޭ މީހުން ދައުލަތުގެ ބޮޑެތި މަގާމުތަކަށް ލުމުން އެ މީހުން ޕޯޑިއަމްތަކަށް އަރުވައިގެން ދައުލަތް ހިމާޔަތް ކުރުމުގެ ނަތީޖާއަކީ ރާއްޖޭގައި ކުށްކުރާ މީހުންނަށް ހިތްވަރު ލިބި ބޮޑެތިވެގެންވާ ކުށްތަކަށް އަރައިގަތުން ކަމަށެވެ.
ނަރީޝް އެހެން ވިދާޅުވިއިރު މަހްލޫފަކީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ އުފުލައިފައިވާ ބޭފުޅެކެވެ.
މީގެ އިތުރުން ނަރީޝް ވިދާޅުވީ ކުށް ކުރަމުން ކުރަމުން ގޮސް ޤައުމުގެ މިނިވަންކަމާއި ސިޔާދަތީ ބާރުތަކާއި ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ވެސް ވިއްކާލުމުގެ ކުށް ސަރުކާރުން ކޮށްފައިވާ ކަމަށާއި، މިއީ ބޮޑެތި މުޖުރިމުންގެ ސަރުކާރެއް ކަމަށެވެ. އަދި އެ މައްސަލަތައް ބަލައި ފިޔަވަޅު އެޅޭނެ ކަމަށެވެ.
Hehe, Yameeno, Eynaahves vanee dhauvaabkohfa.