ރަޝީދު މަރުވި ހާދިސާގައި ކަންކަން ހިނގައި ދިޔަ ގޮތް އިންސާފުވެރިކަމާ އެކު ރަނގަޅަށް ތަހުގީގުކުރުމަށް ރައީސް އިރުޝާދު ދެއްވާފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވި ރަޝީދުގެ މައްސަލައިގައި ކަން ހިނގަމުންދާ ގޮތް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ގެންދަވަނީ ގާތުން ބައްލަވަމުން ކަމަށާއި ރަޝީދުގެ މަރާއި ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އާ ވެސް ރައީސް ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
އެ މައްސަލައާ ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ ރަޝީދު ހައްޔަރުކުރީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ކަމުގެ ތުހުމަތުގައިކަމަށެވެ. ހަމީދު ވަނީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ފުލުހުންނަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާ ހެދި، އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ގަލޮޅު މޯޗަރީގައި މިހާރު ބާއްވާފައި އޮތްއިރު އެ ސަރަހައްދުގައި އާއިލާއިން ވަނީ ނޫސްވެރިންނާއި ބައްދަލްކޮށް، ފުލުހުން ކަންތައްކުރި ގޮތާ މެދު ނުރުހިގެން ވާހަކަ ދައްކައިފަ އެވެ.
އާއިލާ އިން ބުނީ ރަޝީދު މަރުވީ ފުލުހުން ފަރުވާ ނުދީ ލަސްކުރުމުގެ ސަބަބުން ކަމަށާއި އޭނާ މަރާލީ ގަސްދުގައި ކަމަށެވެ. އެ މީހުން ވަނީ ޕޯސްޓްމޯޓަމް ހަދަން ބޭނުން ނުވާ ކަމަށާއި އާއިލާއަށް އޭނާގެ ހަށިގަނޑު ހަވާލުކޮށްދޭން ވެސް އެދިފަ އެވެ.
އެމީހުންގެ ކަންބޮޑުވުމަކީ ރަޝީދު މާލެ ގެނައި ފަހުން އޭނާގެ ހަށިގަނޑު އާއިލާއަށް ދައްކާފައި ނުވާތީ އާއި އާއިލާ އިން ބޭނުންނުވާ ކަމަށް ތަކުރާރުކޮށް ބުނަމުންދާއިރު ވެސް ޕޯސްޓްމޯޓަމް ހަދަން އުޅޭތީ އެވެ. ޕޯސްޓްމޯޓަމް ހަދައިފި ނަމަ، ހަށިގަނޑާ ހަވާލުނުވާނެ ކަމަށް ވެސް އާއިލާއިން ބުނެއެވެ.
ޑްރަގް އޮޕަރޭޝަނެއްގައި މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައި ހުއްޓާ ރަޝީދު 43، މަރުވި މައްސަލާގައި އާއިލާ އިން ވަނީ އޭނާއަށް ފުލުހުން އިހުމާލުވި ކަމުގެ ތުހުމަތުކޮށްފަ އެވެ. ލޯންޗަކަށް އަރުވައިގެން އޭނާ ގޮވައިގެން ދިޔައީ މޭގައި ރިއްސާކަމަށް ބުނެފައިވަނިކޮށް ކަމަށާއި އަދި ލޯންޗު ތެރޭގައި ވެސް މޭގައި ރިއްސާ ކަމަށް ތަކުރާރުކޮށް ބުނުމުންވެސް އެކަން ފުލުހުން ގަބޫލުނުކުރި ކަމަށް އާއިލާ އިން ބުނެފައިވެއެވެ.
އެންމެ ފަހުން ރަޝީދު ގދ. މަޑަވެލި ސިއްހީ މަރުކަޒަށް ގެންދިޔައީ ލޯންޗަށް އޭނާ ވެއްޓުމުން ކަމަށް އާއިލާ އިން ތުހުމަތުކުރެ އެވެ.
އެ މައްސަލަ ފުލުހުން ވަނީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހަޅައިފަ އެވެ.