ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަތޮޅުތަކުގެ ތަރައްގީއަށް ވެފައިވާ ވައުދުތައް ފުއްދޭނީ ޓެކްސް ނެގުން އިތުރުކޮށްގެން ކަމަށް ވިދާޅުވެ ޓެކްސް ނެގުން އިތުރުކުރަން ސަރުކާރުން ނިންމި ނިންމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ދިފާއު ކުރައްވައިފިއެވެ.
ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން އިސްލާހުގެ ބިލެއް ހުށަހަޅާފައިވާ އިރު އެ ބިލު ހުށަހެޅި ގޮތަށް ފާސް ކުރަން އެމްޑީޕީން ވަނީ ތްރީލައިން ވިޕެއް ވެސް ނެރެފައެވެ.
ސަރުކާރުން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރާށެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުންދާ 6 ޕަސެންޓް ޓެކްސްގެ ބަދަލުގައި 8 ޕަސެންޓްއަށް ބޮޑުކޮށް، ޓީޖީއެސްޓީ ވެސް 12 ޕަސެންޓްއިން 16 ޕަސެންޓްއަށް ބޮޑުކުރަން ވަނީ ނިންމާފައެވެ. އެނިންމުމަށް އަމަލު ކުރާނީ މަޖިލީހުން ޓެކްސް ބިލަށް އެބަދަލު ގެނައުމުންނެވެ.
ސަރުކާރުގެ ނިންމުމަށް ތާއިދު ކުރައްވައި ނިޒާރު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދުގެ 80 ޕަސެންޓް މާލެ ސަރަޙައްދުގައި ގާއިމުވެފައިވާ އިރު، އަތޮޅު ތަކުގައި ތަރައްގީއަށް ޓެކްސްއަކީ މުހިންމު އާމްދަނީއެއް ކަމަށެވެ.
”ޓެކްސް އިތުރު ކުރަނީ ތަރައްގީއަށް. އަތޮޅުތަކަށް ރައީސް އިބްރާާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދު ފުއްދޭނީ ޓެކްސް އިތުރު ކުރެވިގެން“ ނިޒާރުގެ ޓުވީޓުގައި ވެއެވެ.
ޓެކްސް ބޮޑުކުރަން އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ވެސް ވަރަށް ބޮޑަށް ދެކޮޅެވެ. އޭގެ އިތުރުން ރާއްޖޭގެ އިގްތިސާދާ ގުޅޭ މުހިންމު ޖަމިއްޔާތައް ކަމަށްވާ މަޓާޓޯ އާއި މަޓީން ވެސް ޓެކްސް ކުއްލިއަކަށް ބޮޑުކުރުމާ ދަނީ ދެކޮޅު ހަދަމުން ނެވެ. އެ ބިލަށް ތާއިދު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފަ އެވެ.