ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙަކީ ރައްޔިތުންނަށް ލިބުނު ”ރަނެއް މަލެއް“ ފަދަ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ، މިހާރު ރާއްޖޭގައި މި ހިނގަނީ ދިވެހި ތާރީހުގައި ވެސް ދެކޭނެ އެންމެ އުޖާލާ އެއް ސަރުކާރު ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް އެންމެ އޯގާތެރި ވެރިޔަކީ ރައީސް ސޯލިހް ކަމަށާއި އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާ ކަމަށް ރާއީ ވިދާޅުވިއެވެ.
”ރައީސުލްޖުމްހޫރިއްޔާއަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ރައްޔިތުންނަށް ލިބުނު ރަނެއް މަލެއްފަދަ ބޭފުޅެއް އިނގޭތޯ.“ ރާއީ ވިދާޅުވިއެވެ.
ރާއީ ވިދާޅުވީ، ސިޔާސީ މަޤްޞަދެއް ހާސިލުކުރަންކުރާ ކަމެއްނަމަ ޓެކްސް ބޮޑު ކުރުމަކީ މިވަގުތަކަށް އެންމެ ރަނގަޅު ކަމެއް ނޫން ކަމަށާއި ރައީސް ސޯލިހަށްވެސް އެއީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
އެކަމަކު މިހުރިހާ ކަމަކަށްވުރެ އެމްޑީޕީއަށްވެސް ރައީސް ޞާލިޙަށްވެސް ދިވެހި ރާއްޖޭގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދޭންޖެހޭ އަސާސީ ކަންކަން މާމުހިންމު ކަމަށް ރާއީ ވިދާޅުވިއެވެ. މިހުރިހާ ކަމަކަށް ބަލާފައި އަމިއްލަ އެދުމަށްވުރެ މުހިންމުވާނީ ގައުމު ކަމަށް ރައީސަށް ފެނިވަޑައިގަންނަވާތީ ޓެކްސް ބޮޑުކުރުގެ ނިންމެވުން ނެންގެވީ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރާއީ ވިދާޅުވިއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލިހަށް ހުށަހަޅަން ގާތްވެފައިވާކަން ފާހަގަކުރައްވާ ރާއީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރަމުންދާ އެމްޑީޕީގެ މެމްބަރުންނާ އަދި ވާދަވެރި އެހެން މެމްބަރުން ވެސް، އެ ބަޖެޓްގައި އެބޭފުޅުން ނިސްބަތްވާ ދާއިރާތަކަށް ބޭނުންވާ ކަންކަން ބަޖެޓްގައި ޖަހަން ބޭނުންފުޅުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންވެސް އެބައެއްގެ ދާއިރާއަށް ބޭނުންވާ ޕްރޮޖެކްޓްތައް އެ ދާއިރާއެއްގެ މެމްބަރު ބަޖެޓްގައި ޖަހައިދޭން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
މީގެއިން އެއްވެސް ކަމެއް ބަޖެޓުން އުނިކުރަންވެސް ބޭނުން ނުވާ ކަމަށާއި، މި ޕްރޮޖެކްތެއް ކުރިއަށް ގެންދަން ބޭނުންވާ ކަމަށާ އެހެންކަމުން އެފައިސާވެސް ހޯދަންޖެހޭ ކަމަށް ރާއީ ވިދާޅުވިއެވެ.
ރާއީ ވިދާޅުވީ ކޮވިޑްގެ ދުވަސްވަރު، މިއަދު މިތިބަ ހާލަތަށް އައިސްދާނެ ކަމަށް ބަޔަކަށް ގަބޫލުވެސް ނުކުރެވޭނެ ކަމަށާއި މިހިސާބަށް އާދެވުނީ ވަރަށް ވިސްނުންތެރިކަމާއެކު ކަންކަން ކުރިއަށް ގެންދެވުނީތީ ކަމަށް ވިދާޅުވިއެވެ.