އުއްމަތުގެ މަސްލަހަތުތައް ހާސިލް ކުރުމަށްޓަކައި އެންމެ އެކުވެރިވެ އެއްގަލަކަށް އަރަންޖެހޭ ކަމަށް އަޟްހާ ޢީދު ޙުތުބާގައި ހަމަކުރައްވައިއެވެ.
އަޟްހާ ޢީދު ޙުތުބާގައި މުސްލިމުންނަށް ލިބިފައިވާ ކާމިޔާބުތަކުގެ ސަބަބަކަށް ވެފައިވަނީ އެއްބައިވަންތަކަން ކަމަށާއި އަދި އެމީހުންނަށް ލިބިފައިވާ ނާކާމިޔާބީތަކުގެ ސަބަބަކަށް ވެފައިވަނީ ބައިބައިވުން ކަމަށެވެ. އެހެންކަމުން އުއްމަތުގެ މަސްލަހަތުތައް ހާސިލް ކުރުމަށް ބައިބައި ނުވެ އެކުވެރިވުމަށް ޙުތުބާގައި ވަނީ ގޮވާލެއްވިއެވެ.
ޢީދު ދުވަހު އަގީދާ ހަރުދަނާކޮށް ވަކިވަކިވެފައިވާ ހިތްތައް އަލުން ގުޅުންވަންޖެހޭ ކަމަށާއި އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ކުރުމާއި މަލާމާތް ކުރުން ފަދަ ވިޔާނުދާ އަމަލުތަކުން ދުރުހެލިވެ އަހުވަންތަ ބަޔަކަށް ވާންޖެހޭ ކަމަށް ޢީދު ޙުތުބާގައިވެއެވެ.
ޤައުމުގެ މިނިވަންކަމުގެ ރަމްޒު ކަމުގައިވާ އިސްލާމްދީން ހިމާޔަތްކޮށް ދެމެހެއްޓުމަށް ދިވެހި ދައުލަތުގެ ވެރިންނާއި އެންމެހާ ރައްޔިތުންގެ އަޒުމް އާ ކުރުމަށް ވަނީ ގޮވާލެއްވިއެވެ.
އިސްލާމީ ޢީދުތަކުގައި އިސްލާމީ މިންގަނޑުތަކުގެ ތެރޭގައި އުފާފާޅު ކުރުމާއި މުނިފޫހިފިލުވުން ކަމަށާއި އެއީ ހިތްތަކުގެ ސާފުކަމާއި މޫނުތަކުގެ އުފާވެރިކަމާއެކު ކަމަށް ޢީދު ޙުތުބާގައިވެއެވެ.