ކ. ގުރައިދޫގައި ސްނޯކްލިންއަށް ގޮސް އުޅުމުގެ ތެރެއިން އޮޔާ ދަމައިގަތް ޓޫރިސްޓަކު ސަލާމަތްކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 10:15 ހާއިރު އެވެ.
މިކަމާއި ގުޅިގެން އެރަށު ކައުންސިލްގެ ރައީސް ހުސައިން ޔާމީން ވިދާޅުވި ހާދިސާގައި އޮޔާ ދަމައިގަތީ 40 އަހަރުގެ އެ ޓޫރިސްޓް މީހާ އެކަނި ކަމަށާއި، އެއާއެކު އޭނާގެ އަންހެނުން އެހީއަށް އެދި ގޮވުމުން އެ ސަރަހައްދުގައި އުޅުނު ދެ ޒުވާނުންނާއި ފުލުހަކު މޫދަށް އެރި އެ ޓޫރިސްޓް މީހާ ސަލާމަތް ކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަތުރުވެރިޔާ ސަލާމަތް ކުރުމަށް އެހީވެދިން ފަރާތްތަކަށް ގިނަ ބަޔަކު އަންނަނީ ޝުކުރު އަދާ ކުރަމުންނެވެ. އޭގެ ތެރޭގައި ޔުނީފޯމު ގައި ހުރި ފުލުސް މީހާ އަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.